ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި.-- ފޮޓޯ: ޕޮލިސް
ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ވައްދަން އުޅުނު ޑްރަގް އަތުލައިގެންފި
ހަސަން އިބްރާހީމް 27 މޭ 2026 (ބުދަ)   19:22
ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މި މައުލޫމާތު ހާމަކޮށް ފުލުހުން ބުނެފައިވަނީ، މި ތަކެތި އަތުލައިގަނެފައިވަނީ މެއި 24 ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

އެހެންނަމަވެސް، މި އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 395.92 ގްރާމް ހުރިކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް