
މި ހާދިސާގެ މައުލޫމާތު ދެމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އެކްސިޑެންޓްގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިފައިވާއިރު، އެ މީހުން ވަނީ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ވަގުތުން މާލެ ގެނެސް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އަނިޔާވި ދެ މީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާދެމުންނެވެ.
މި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
އެކްސިޑެންޓްގައި ގެއްލުން ލިބުނު ލޯންޗް މާލޭ ފަޅުގައި.-- ފޮޓޯ: މެރިން ޕޮލިސް
ރަސްމީ އިދާރާތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައިއެކްސިޑެންޓްވި ލޯންޗުގެ ކުރީކޮޅު އަރިމަތިން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މި އެކްސިޑެންޓު ހިނގީ މާލޭ އިއްޒުއްދީން ފާލަމާ ދިމާލު ބޭރުން ފަޅަށް ވަންނަ ދިމާލުންނެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.




