
އުމުރުން 76 އަހަރުގައި ހަލީމް ނިޔާވިއިރު އޭނާ ބަލިވެ އުޅުއްވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
މ.ފަތްކޯނި، ހަލީމް ވަނީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 2021 ގައި ހާސިލު ކުރައްވައިފައެވެ.
އޭނާ ދިވެހި ދައުލަތަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ކޮށްދެއްވި ހިދުމަތަށް ގައުމީ އިނާމު ލިބިވަޑައިގެންނެވިއިރު، ހުންނެވީ މުލީއާގޭގެ ޗީފް ވިއައިޕީ ވެއިޓާ ކޮންސަލްޓަންސީގެ މަގާމުގައެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި މުހައްމަދު ވަހީދު އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ހަލީމް ވަނީ ހިދުމަތް ކުރައްވައިފަ އެވެ.
ހަލީމް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ މިއަދު ވިދާޅުވެފަ އެވެ.
"ބައި ގަރުނަށް ވުރެ ދިގު މުއްދަތުގެ އިހުލާސްތެރި ހިދުމަތުގެ ބޮޑު ބައެއް މަރްހޫމް އިބްރާހީމް ހަލީމް ހޭދަކުރެއްވީ މުލީއާގޭގައި. ކުރީގެ 6 ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތްކޮށްދެއްވައިފައިވޭ." އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހަލީމް ނިޔާވުމުން ތައުޒިޔާ ވިދާޅުވެފައެވެ. އަދި ހަލީމްގެ ހިދުމަތާ ގުޅޭގޮތުން ނަޝީދު ވިދާޅުވެފައިވަނީ "އޭނާއަކީ ވަފާތެރިކަމާއި ޕްރޮފެޝަނަލް ކަމުގެ ނަމޫނާއެއް" ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ހަލީމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ހަލީމްގެ ހިދުމަތުގެ ހަނދާން އާކުރައްވާފަ އެވެ.




