
މެރިން ޕޮލިސް އިން މިއަދު ހެނދު މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑު ފެނުނީ މޫދު އަޑިންނެވެ.
"ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު ވަނީ ހުޅުމާލެ ފަޅުތެރެއިން އަޑިން ފެނިފައި،" މެރިން ޕޮލިސް އިން ބުނެފައި ވެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭ އިރުއޮއްސި 18:30 ހާއިރު ހުޅުމާލޭގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި މީހަކު ވީނުވީއެއް ނޭގި ގެއްލިގެން ދިޔައީ ހޯދަމުންނެވެ.
"މިހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 2026 މެއި 22 ވަނަ ދުވަހުގެ 08:25 އެހައިކަންހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ." ފުލުހުން މިއަދު މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ، ކ.ގުރައިދޫ/ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އަހަރު) އެވެ.
އެމީހާ ފެނުނީ ފުލުހުންގެ މެރިން ޕޮލިސް އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ކުރި މަސައްކަތުން ކަމަށްވާއިރު، އެ ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




