ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ޝަރީއަތުގެ މަޖިލީހުގައި
ޝަމްއާނަށް ކުރި 3 ދައުވާ ވެސް ސާބިތު، ކުށްވެރިވާ ކަމަށް ކަނޑައަޅައިފި
ޖުނާން އަޙުމަދު 9 ޖޫން 2026 (އަންގާރަ)   17:59
އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާތީ އެކަންކަމުގައި ޝަމްއާން ކުށްވެރިވާ ކަމަށް މިއަދު ކޯޓުން ކަނޑައަޅައިފިއެވެ.

ތިން ދައުވާއެއް ޝަމްއާންގެ މައްޗަށް އުފުލާ މިއަދު ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގާފައި ވާއިރު، އޭނާގެ މައްޗަށް އުފުލާފައި ވަނީ، މަނީ ލޯންޑާ ކުރުމާއި، ފޭރުމުގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށުގެ ދައުވާއެވެ.

މިއަދު އޮތް އަދަބު ކަނޑައެޅުމުގެ އަޑުއެހުމުގައި އެ ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވާއިރު، ހޯމް މިނިސްޓަރު އިހުސާން ހިންގަމުންދިޔަ ކޮރަޕްޝަންގައި ރައީސް މުއިއްޒު ވެސް ބައިވެރިވި ކަމަށް ގަބޫލުކުރެވޭ ކަމަށް ޝަމްއާން މިއަދު ވިދާޅުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި އޮތް ހުކުމްކުރުމުގެ އަޑުއެހުމަށް ވަނުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމްއާން ވިދާޅުވީ އިހުސާން ހިންގަމުންދިޔަ ކޮރަޕްޝަންގެ ވާހަކަތައް މުއިއްޒުއާ ހިސާބަށް ގެނެސްދިނުމުން އެކަމަށް ފިޔަވަޅު ނޭޅުމަކީވެސް ކޮރަޕްޝަން ކަމަށާ، އެއީ ހަމަ ސީދާ އެކަން ހިނގަމުންދާކަން އެނގިހުރެ ރައީސް އެކަން ނުހުއްޓުވި ކަމަށެވެ.

ޝަމްއާން ވިދާޅުވީ ބަންގްލަދޭޝް މީހުންގެ ވޯކް ޕާމިޓްތައް އެޕްރޫވްކުރަނީ ސީދާ އިހުސާން މެދުވެރިކޮށް ކަމަށާއި އެކަމަށް ކޮރަޕްޝަންގެ ގޮތުގައި 8،000ރ. ނަގަމުންދާކަން ޔަގީންވުމުން އެކަން މުއިއްޒުއަށް އެންގީ ކަމަށެވެ.

ޗެޓްލޮގްތައް ހުންނާނެ. ރައީސާއެކު ދެކެވުނު ވާހަކަތައް. އޯޑިއޯވެސް ހުންނާނެ. ނަމަވެސް އަޅުގަނޑު ފޯނު މިވަގުތު އޮތީ އަޅުގަނޑު ހައްޔަރުކުރިއިރު ޕޮލިހުންގެ ބެލުމުގެ ދަށުގައި - ޝަމްއާން

ޝަމްއާން ތުހުމަތުކުރެއްވި ގޮތުގައި އޭނާ ފްރޭމްކުރީ ހޯމް މިނިސްޓަރު އިހުސާން އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެވެ.

ކޮންޓްރޯލާގެ މަގާމުން 2025 މާޗު 21، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ. 

ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްކޮށްގެން، ހެޔޮ އެދިގެން ގެނައި ސަރުކާރެއް. މި ސަރުކާރަކީ މިވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން،" ޝަމްއާން ވިދާޅުވިއެވެ.

ކޮމެންޓް