
ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވާއިރު، އެ ތިން ދައުވާ ވެސް ސާބިތުވެފައިވާކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ނިންމާފައިއެވެ. އެއީ މަނީ ލޯންޑްރިންގެ ކުށަށް 15 އަހަރު، ފޭރުމުގެ ކުށަށް އަށް އަހަރު އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް ދެ އަހަރެވެ.
މި މައްސަލައަކީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއެއްގެ އަތުން 530,000 ރުފިޔާ ނެގި ކަމަށް ބުނާ މައްސަލައެއް ނަމަވެސް ޝައްމާން ވަނީ މި ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.
އެގޮތުން އިއްޔެ ހުކުމް އިއްވުމުގެ ކުޑައިރުކޮޅެއް ކުރިން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޝަމްއާން ވިދާޅުވީ، މިއީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށާ، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މިނިސްޓަރު އިހުސާން ވަނީ ވަކި ބަޔަކަށް ވިއްކާލާފައި ކަމަށެވެ.
އަދި އެކަން ހުއްޓުވަން އޭނާ މަސައްކަތް ކުރުމުން ރައީސް މުއިއްޒު ސީދާ އޭނާއަށް ގުޅުއްވައި އެކަމާ ދެކޮޅު ނުހެދުމަށް އެދިވަޑައިގެންނެވި ކަމަށްވެސް ޝައްމާން ވިދާޅުވިއެވެ.
ޝަމްއާން ވަހީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ފައްޔާޒް ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، ޝަމްއާން އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް ކަމަށާ، ޝަމްއާން ދިގުމުއްދަތަކަށް ޖަލަށް އެ ލީ އެހަގީގަތްތައް ހާމަކުރުމުން ކަމަށެވެ. އަދި ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވާފައި ވަނިކޮށް އެކަން އަލުން ފެށީ ވެސް މި ސަރުކާރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އެކަމަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައި، އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް. އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސް ފަރާތްތައް." - ފައްޔާޒް
ކްރިމިނަލް ކޯޓުން އިއްޔެ ހަވީރު ކުރި މި ހުކުމާ ގުޅިގެން ފައްޔާޒްގެ އިތުރުން ވެސް، ގިނަ ފަރާތްތަކުން އަންނަނީ، މިއީ ރައީސް މުއިއްޒު އާއި މިނިސްޓަރު އިހުސާން ސިޔާސީ ނުފޫޒުން ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.
ޝައްމާން އިއްޔެ ވިދާޅުވެފައި ވަނީ ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓް ހުއްދައިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ނާޖާއިޒް ފައިދާ ހޯއްދަވަމުން ގެންދެވި ކަމަށާ، އެ ވާހަކަ ރައީސް މުއިއްޒަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ބަޔަކަށް ދިނުމުގައި އިހުސާން އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ހިންގަވާފައިވާ ކަމަށާ، އެކަން ހުއްޓުވުމަށް ވެސް ރައީސް މުއިއްޒު ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް ޝަމްއާން ވިދާޅުވެފައިވެ އެވެ.
އޭނަގެ އެ ވާހަކަތަކާ ގުޅިގެން ސަރުކާރުން ވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.




