
ކްރިމިނަލް ކޯޓުން ނެރެފައިވާ އެ ކޯޓުއަމުރަކީ، ޕީޖީ (ޕްރޮސެކިއުޓަ ޖެނެރަލް) ގެ އޮފީހުން އެ ކޯޓުގައި އެދިގެންނެރެފައިވާ އަމުރެއްކަމަށް ވާއިރު، މި އަމުރު ނެރުނީ، އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލުމަށްފަހުގައިކަން ފާހަގަކޮށްލެވެއެވެ.
ހައި ކޯޓުން އެ އަމުރު ބާތިލުކޮށްދެއްވުމަށް އެދި އެ މައްސަލަ އިސްތިއުނާފްކުރި އެމްޖޭއޭ އިން އެކަމުގައި ވަގުތީ އަމުރަކަށް ވެސް އެދިފައި ވާއިރު، އެ އަމުރަކީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަންގައި ދިނުމަށެވެ.
އަދި އެމްޖޭއޭ އިން އެދިފައިވަނީ، މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލްވާން ބޭނުންވާ ވީހާ ވެސް ގިނަ ފަރާތްތަކުން މައްސަލައަށް ތަދައްހުލްވުމަށެވެ.
އިސްތިއުނާފުގެ މި މައްސަލައިގައި، އެމްޖޭއޭން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދުމާއި ލިބިގަތުމާއި ދިނުމުގެ ހައްގަށް ކްރިމިނަލް ކޯޓުގެ އަމުރު ނެރުމުގައި ރިއާޔަތްކޮށްފައި ނެތް ކަން ފާހަގަކޮށްފައި ވެއެވެ.
އަދި މީގެއިތުރުން، އެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ހަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށާ، ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ ދެ އަމުރަކަށް ހަވާލާ ދިން އިރު، އެ ދެ އަމުރަކީ ކުށުގެ ތުހުމަތުވާ މީހާ، ކުށްކުރިކަން ސާބިތުވުމުގެ ކުރިން މައުސޫމެއްގެ ގޮތުގައި ދެކުމުގެ ހައްގަށް ރިއާޔަންކޮށް ހަމައެކަނި އެ ހަނި ދާއިރާއަށް ނެރެފައިވާ އަމުރުތަކެއްކަން ވެސް އެމްޖޭއޭ އިން ވަނީ ފާހަގަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ މި ޑޮކިއުމެންޓް "އައިޝާ" އާ ގުޅިގެން "ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ، އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް އާންމުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އަދި މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާއާ ގުޅުވައި އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އަންގާ، އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މި މައްސަލައަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލައެއް ކަމަށާ، އެހެންކަމުން މައްސަލައިގެ ލިޔެކިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ވެސް ބެލެވޭނެ ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު، ނެރުއްވި އެ އަމުރަކީ ގާނޫނީ ގޮތުން ކޯޓަކަށް އޮންނަ ބާރެއް ނޫން ކަމަށް ދޭހަވާގޮތަށް، އާ ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާ މީސްމީޑިއާގައި ވިދާޅުވެފައިވެ އެދުވަހުގެ ރޭ މީސްމީޑިއާގައި ޕޯސްޓެއްވެސް ވަނީ ކުރައްވާފައެވެ.
އިބްރާ މީސްމީޑިއާގައި ވިދާޅުވެފައިވަނީ، ކޯޓަކީ ރައްޔިތުންނަށް ކަންކަން މަނާކުރުމުގެ ބާރު ލިބިފައިވާ ތަންތަނެއް ނޫން ކަމަށާ، އަދި ކޯޓަކުން އަމުރެއް ނެރެވޭނީ ހަމައެކަނި އެ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ހަސްމުންގެ މައްޗަށް ނުވަތަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ މައްސަލައަކާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް އެކަނި ކަމަށެވެ.




