މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅުންގެ ލިސްޓުގައިވާ ބޭފުޅުން
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅުން ކަނޑައަޅައިފި
ޖުނާން އަޙުމަދު 15 ޖޫން 2026 (ހޯމަ)   15:34
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ނަމަ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައި، ނަންތައް ތަރުތީބު ކޮށްފިއެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅުން މި ކަނޑައެޅީ، ކުރީގެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް, މަޖިލީހުގެ ނާއިބު ރައީސް ކަމަށް އިންތިހާބު ކުރުމާ ގުޅިގެންނެވެ. 

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި, ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައި އެ މެންބަރުންގެ ނަންތައް ތަރުތީބުކޮށް އިއުލާނުކުރަން ޖެހެއެވެ.

އަދި އެ ގޮތަށް ލިސްޓް އެކުލަވާލައްވަނީ މެންބަރުންގެ ހިދުމަތުގެ މުއްދަތަށް ބެއްލެވުމަށް ފަހުއެވެ. ހިދުމަތުގެ މުއްދަތު ބަލަނީ މެދުނުކެނޑި މެންބަރުކަން ކުރައްވާ މެންބަރުންނަށް ބަލައިގެންނެވެ. ތަރުތީބުން ފަސް މެންބަރަކު ކަނޑައަޅާއިރު ހިދުމަތުގެ މުއްދަތު އެއްވަރު ވެއްޖެ ނަމަ، އިސްކަން ދެނީ އުމުރުން ދޮށީ މެންބަރަކަށެވެ. 

މިއަދު އިއުލާން ކުރެއްވި ލިސްޓްގައި އަލަށް ނަން ހިމެނުނު މެންބަރަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ. ނާޒިމް ފިޔަވާ ދެން އެ ލިސްޓްގައި ހިމެނެނީ ދ.މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އެވެ. 

ކޮމެންޓް