އެމްޑީޕީ ޕީޖީ މެންބަރުން އެމްއެމްއޭ ގައި.-- ފޮޓޯ: އެމްޑީޕީ
9 މަޖިލިސް މެންބަރަކު ވަޒީރުންނަށް ފޮނުވި 20 ސުވާލު ގަނޑުކޮށް ކެންސަލްކޮށްފި
އޭގެ ތެރެއިން ދެބައިކުޅައެއްބައި ސުވާލުތަކަށް ޖަވާބު ނުދީ 10 މަސްދުވަސް ވަނީ ފާއިތުވެފައި
ޖުނާން އަޙުމަދު 20 ޖޫން 2026 (ހޮނިހިރު)   17:14
އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ނުވަ މެންބަރަކު، ސަރުކާރުގެ ވަޒީރުންނަށް ފޮނުވި 20 ސުވާލެއް، ގަނޑުކޮށް ކެންސަލު ކޮށްފިއެވެ.

ސުވާލުތައް ހުށަހަޅާފައިވާ މެންބަރުންނަށް އެބޭފުޅުން ކުރައްވަން ބޭނުންފުޅުވި ސުވާލުކުރުމުގެ ފުރުސަތު ނުލިބޭނެކަން އަންގާ މަޖިލީހުގެ އިދާރާއިން ފުނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ސަބަބަކީ އެ ސުވާލުތައް ކުރެއްވުމަށް އެދިވަޑައިގެންފައިވާ ވަޒީރުން މިހާރު ވަނީ ބަދަލުވެފައި ކަމަށެވެ.

އަދި އެ ސުވާލުތަކުގެ ތެރެއިން، ދެބައިކުޅައެއްބައި ސުވާލުތަކަށް ޖަވާބު ނުދީ 10 މަސްދުވަސް ފާއިތުވެފައި ވާއިރު، މިކަމުގައި ސިޔާސީ ގިނަ ފަރާތްތަކުން ވިދާޅުވަމުން އަންނަނީ، މަޖިލީހަށާއި ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ވެސް، ރައްޔިތުންނާއި، އަދި އެކި މުއައްސަސާތަކުން ފޮނުވާ ސިޓީވެސް މިގޮތަށް ކެންސަލް ކުރެވޭނެތޯ މިއީ އުފެދޭ ސުވާލެއްް ކަމަށެވެ.

  • ކެންސަލްކޮށްފައިވާ ސުވާލުތައް ހުށަހެޅި މެންބަރުންނަކީ:
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް 5 ސުވާލު
  • ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު 5 ސުވާލު
  • ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު 1 ސުވާލު
  • މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ 2 ސުވާލު
  • ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު 1 ސުވާލު
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ 2 ސުވާލު
  • ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް 1 ސުވާލު
  • މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު 2 ސުވާލު
  • ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއިލް އަހުމަދު ނަސީމު 1 ސުވާލު

މި މެންބަރުންގެ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީ ވުމުގެ ބަދަލުގައި އެ ސުވާލުތައް ގަނޑުކޮށް ކެންސަލްކޮށްފައި ވާއިރު، ރައީސް މުއިއްޒު މި ސަރުކާރާ ހަވާލުވެ ވަޑައިގެންނެވީ، އެ މަނިކުފާނު އެކުލަވާލައްވާ ސަރުކާރުގެ ހާމަ ކުރުމާއި ދެފުށް ފެންނަ ސިޔާސަތަކީ ރައްޔިތުން އުންމީދުކުރާ ފަދަ ސިޔާސަތަކަށް ހައްދަވާނެކަމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ.

ކޮމެންޓް