ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިގިރޭޓް ކޭސްތަކެއް - ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް
މިސަރުކާރުން އަގު ބޮޑުކުރި ސިނގިރޭޓުގެ އަގު، ހެޔޮކުރުމުގެ ބިލެއް މަޖިލީހަށް ފޮނުވައިފި
މަރްޔަމް މުޙައްމަދު 21 ޖޫން 2026 (އާދީއްތަ)   20:24
ރާއްޖެ އެތެރެކުރާ ސިނގިރޭޓަކުން ނަގާ ޑިއުޓީ، މި ސަރުކާރުން ބޮޑުކުރުމަށްފަހު، އަލުން ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމް، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވާފައި ވާއިރު، މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމަށް ތާވަލުކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެ އިސްލާހުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގްތިސޯދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށް ވާއިރު، މި ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން (ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް) ނަގާ ޑިއުޓީ 4 ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވެސް ހުށަހަޅާފައި ވެއެވެ.

އަދި އިސްލާހުގައިވާ އަނެއް ބަދަލަކީ، ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުން ކަމަށް ބަޔާންކޮށްފައި ވާއިރު، ދުންފަތް ހުއްޓާލަން އެހީތެރިވެދޭ މިފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަކީ މި ގާނޫނީ ބަދަލުގެ އެންމެ މުހިންމު މަގުސަދު ކަމަށް އެ އިސްލާހުގައި ވެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށެވެ.

ނަމަވެސް އޭގެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ ކަމަށާ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް ކަމަށެވެ.

ކޮމެންޓް