ގެދޮރުވެރިކަމުގެ ކޮމިޓީގެ ކުރީގެ މުގައްރިރު ފަލާހު އާއި މިހާރުގެ މުގައްރިރު ހުސައިން، އެ ކޮމިޓީގެ ބައްދަލުވުންތައް ބާއްވަނީ ވަރަށް މަދުން.--
ގެދޮރުވެރިކަމުގެ ކޮމިޓީން މުގައްރިރު ފަލާހު ވަކިކޮށް، އެ ކޮމިޓީގެ މުގައްރިރަކަށް ހުސައިން
ޖުނާން އަޙުމަދު 16 ޖޫން 2026 (އަންގާރަ)   14:18
ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު، އެ ކޮމިޓީން ވަކިކޮށް، އެ ކޮމިޓީގެ މުގައްރިރުގެ މަގާމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް އިންތިހާބުކޮށްފި އެވެ.

މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީން ފަލާހު ވަކިކޮށް، އެ ކޮމިޓީއަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އައްޔަނުކުރިކަން، އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއުލާން ކުރެއްވިއެވެ.

އެ ބަދަލާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުމެއްވެސް ވަނީ އިއްޔެ ބާއްވާފައެވެ. އެއީ މިއަހަރު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމެވެ.

އެ ބައްދަލުވުމުގައި އޮތީ ކޮމިޓީގެ މުގައްރިރު ހޮވުމެވެ. މުގައްރިރުކަމަށް ހުސައިން ޝަރީފްގެ ނަން ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. މި މަގާމަށް އިތުރު ބޭފުޅެއްގެ ނަން ހުށަހަޅާފައި ނުވާތީ، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުން ހުސައިން ޝަރީފް ވަނީ އެ މަގާމަށް ހޮވިފައެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މެންބަރު ހުސައިން ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ ގެދޮރުވެރިކަމާ ބެހޭ ގާނޫނުގެ މަސައްކަތް ހިމެނޭހެން، ކޮމިޓީގެ ހުރިހާ މަސައްކަތްތަކެއް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަށް ނިންމައި، މި ކޮމިޓީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން." ހުސައިން ވިދާޅުވިއެވެ.

އަދި ހުރިހާ މެންބަރުންވެސް "ކޮމިޓީއަށް ވަގުތު ދެއްވައި ކޮމިޓީގެ މަސައްކަތްތައް ނިންމަން އެހީތެރިވުން" ވަރަށް ބޮޑަށް އެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަކީ މިހާތަނަށް އެންމެ މަދުން ކޮމިޓީ ބައްދަލުވުންތައް ބޭއްވި ކޮމިޓީއެވެ. އެހެންނަމަވެސް ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި ފަލާހު އެ ކޮމިޓީން ވަކިކުރީ ކޮން ސަބަބަކާ ހުރެކަން އެނގިފައެއް ނުވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އުފެއްދި ގެދޮރުވެރިކަމުގެ ކޮމިޓީއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ދިރާސާކުރުމާއި، ސަރުކާރުން ހިންގާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މޮނިޓާކޮށް، ރައްޔިތުންނަށް ދިމާވާ ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ މުހިންމު ކޮމިޓީއެކެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ގެދޮރުވެރިކަމުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމައި ބޯހިޔާވަހިކަމާގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި ގެދޮރުވެރިކަމާ ގުޅޭ އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުމެވެ.

އެގޮތުން ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި މަސައްކަތްތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުން ހިމެނެއެވެ.

ކޮމެންޓް