އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މަޖިލިސް
ކުރީގެ ރައީސުން މުޒާހަރާގައި ބައިވެރިވާނަމަ ސެކިއުރިޓީ ކަނޑާލަން 241 ކޮމިޓީން ނިންމައިފި
ފިޔެސް 30 ޖޫން 2026 (އަންގާރަ)   12:26
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހަކު މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ސިފައިން ދޫކުރަމުން އަންނަ ސެކިއުރިޓީ އެވަގުތަށް މެދުކަނޑާލުމަށްޓަކައި ގަވާއިދު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ކުރީގެ ރައީސުންނަށް ސެކިއުރިޓީ ފޯރުކޮށްދެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އަމަލު ކުރަމުންދާ ގަވާއިދެއްގެ ދަށުންނެވެ.

އިއްޔެ ބޭއްވި 241 ކޮމިޓީގެ 3 ވަނަ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބްރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ، ކޮމިޓީއަށް އެޖެންޑާކޮށްފައި ވަނީ "ވީއައިޕީ ސެކިއުރިޓީ ދިނުމުގެ އުސޫލު ދިރާސާ ކުރުން" ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވައި، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ތާއީދުކުރައްވައި ކޮމިޓީ ސިއްރު ކުރަން ނިންމިއެވެ.

ކޮމިޓީން ނިންމި ގޮތް އެނގޭ މަސްދަރަކުން ފިޔެސް އަށް މައުލޫމާތު ދިން ގޮތުގައި 241 ކޮމިޓީގެ ބައްދަލުވުމުން ނިންމީ ކުރީގެ ރައީސަކު މުޒާހަރާއެއްގައި ބައިވެރިވާނަމަ އެ ވަގުތަކު ސެކިއުރިޓީ ދިނުން މެދުކަނޑާލުމަށް ގަވާއިދު ބަދަލު ކުރުމަށެވެ. މިގޮތަށް ކޮމިޓީން ނިންމީ، މުޒާހަރާ ކުރުން ފަދަ އަސާސީ ހައްގަކަށް ހުރަސް އެޅޭ ގޮތަށް އެކަން ނުކުރަން ކޮމިޓީގައި ބައެއް މެންބަރުން އިލްތިމާސްކުރަމުން ދަނިކޮށް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެގޮތަށް ކޮމިޓީން ފާސްކުރީ، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީ މެންބަރުންގެ ތެރެއިން އިއްޔެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހަށް ތާއީދު ނުކުރެއްވީ ތިން މެންބަރެކެވެ. އެއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަބްދުލްޣަފޫރު މޫސާ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް އާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހަކީ، ދައުލަތުގެ އެންމެ އިސް އިއްޒަތްތެރީންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ ގާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ އެވެ. އަދި އެކަމުގައި އަމަލުކުރާނޭ އުސޫލުތައް ކަނޑައެޅުމުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާ ހޯދަންވާނެ ކަމަށްވެސް އެ ގާނޫނުގައި ބުނެފައި އޮވެއެވެ. 

މަޖިލީހުގެ 241 ކޮމިޓީން މިފަދަ ނިންމުމެއް ނިންމިއިރު ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމާ ދެކޮޅަށް މި ސަރުކާރުން ކުރަމުން އަންނަ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

އަދި އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމާ ވަރަށް ފަހުން ހަވާލުވެވަޑައިގެންނެވި، ރައީސް ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް ބޭއްވި ބައެއް އެއްވުންތަކާއި މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް