އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން.-- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ކޮމިޓީތަކުން ޖާގަނުދީ ކުރަނީ ޖެއްސުން: ނާޒިލް
މަޖިލީހުގެ ކޮމިޓީތަކުން ސޯބެއަށް ޖާގަނުދޭތީ އިހުތިޖާޖު ކުރުމުން އެމްޑީޕީ މެންބަރުންގެ ނަން އިއްވައި ތަޅުމުން ނެރެފި
ޖުނާން އަޙުމަދު 24 ޖޫން 2026 (ބުދަ)   16:07
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމުގައި މައިނޯރިޓީ ޕާޓީއަށް ލިބެންޖެހޭ ފުރުސަތުތަކަށް ހުރަސްއަޅައި، ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހުގެ ތެރޭގައި ޖެއްސުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީ ޕީޖީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ބައިއިލެކްޝަން ކާމިޔާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، މަޖިލީހުގެ ކޮމިޓީން ޖާގަ ދިނުމުގައި މަޖިލީހުގެ މަސައްކަތްތައް އެންމެ މަދުން ހިނގާ އަދި އެންމެ ހަރަކާތްތެރިކަން ކުޑަ ދެ ކޮމިޓީން ކަމަށެވެ.

އަދި ސޯބެއަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ދެވޭނީ، މަޖިލީހުގެ ތަޅުމުގައި ސޯބެ އަމަލުކުރައްވާ ގޮތް ނުވަތަ "ޕަރފޯމް" ކުރައްވާ ގޮތް ބެލުމަށްފަހު ކަމަށް ޕީއެންސީގެ މެންބަރުން ބުނެފައިވާ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ބޭނުންވާހާ ގޮތަކަށް މަޖިލީހުގައި ސޯބެ އަމަލުކުރައްވަން ޖެހިވަޑައިނުގަންނަވާނެކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ ގަވާއިދާއި އުސޫލުތަކަށް ރިއާޔަތްކުރާއިރު، މަޖިލީހުގެ ކޮމިޓީތަކުގެ ރޭޝިއޯ އޮންނަ ގޮތުން އެމްޑީޕީއަށް އިތުރު ދެ ކޮމިޓީއަކުން ޖާގަ ލިބެންޖެހޭނެ ކަމަށާ، ރިޔާސަތުން ވަނީ މަޖިލީހުގެ މައިނޯރިޓީއަށް ލިބެންޖެހޭ ހައްގުތަކަށް އަރައިގެންފައިކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް އޮތް ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާއި، އުސޫލުގެ ތެރެއިން އިދިކޮޅު މެންބަރުންނަށް ލިބެންޖެހޭ ހައްގުތަކެއް އޮންނާނެ ކަމަށެވެ. މަޖިލީހުގެ ތެރެއިން އިދިކޮޅު މެމްބަރުންނަށް ޖެއްސުން ކުރަމުންދާ ދިއުމުގައި އެމްޑީޕީން ދޫދޭން ބޭނުން ނުވާ ކަމަށާއި، ހައްގުތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ސޯބެއަށް ކޮމެޓީން ލިބެން ޖެހޭ ޖާގަ ދިނުން ލަސްކޮށް ހަމައެއް ނެތް އުސޫލަކުން އެ ކަން ކަނޑައަޅަން ޕީއެންސީން މަސައްކަތް ކުރަމުންދާ ކަމަށްބުނެ ރިޔާސަތު ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް އިސްވެ ހުންނަވައި މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި އެކަމާ ދެކޮޅަށް އަޑުއުފުލަމުން ގެންދެވި އެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.

"މަޖިލީހުގެ ގަވާއިދު ބުނަނީ ދެ ކޮމިޓީން ޖާގަ ދޭން ޖެހޭނެ ކަމަށް، އެއީ އެމްޑީޕީން ބޭނުންވާ ދެ ކޮމިޓީއަށް ވާން ނުޖެހޭ، ދެ ކޮމިޓީން އޮންނާނީ ޖާގަ ދީފައި،" މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެއަށްފަހު ނާޒިލްގެ ނަން އިއްވައި މަޖިލީހުން ނުކުތުމަށް ރިޔާސަތުން އެންގިއެވެ. އަދި ފުލުފުލުގައި އެމްޑީޕީގެ މެންބަރުންގެ ނަންތައް އިއްވައި ޖުމުލަ ނުވަ މެންބަރެއްގެ ނަން އިއްވައި އެ މެންބަރުން ޖަލްސާއިން ނެރުނެވެ.

ކޮމެންޓް