ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަން ސިޔާސަތުގެ ދަށުން ފޯމު ހުށައެޅުމަށް އެހީތެރިކަން ދޭން ގާއިމުކުރި ޑެސްކް.- ފޮޓޯ: ފިޔެސް
ގޯއްޗާއި ފްލެޓަށް އެދި 58،505 އެޕްލިކޭޝަން ހުށަހަޅައިފި
މަރްޔަމް މުޙައްމަދު 17 ޖޫން 2026 (ބުދަ)   07:18
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ޕްރޮގްރާމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި 58،505 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ރޭ އާންމުކުރި މައުލޫމާތުގައި ބުނީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ފްލެޓަށް ޖުމްލަ 35،930 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ބިމަށް ޖުމްލަ 22،575 އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ.

އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމް:

  • ޖުމްލަ އެޕްލިކޭޝަން: 45،644
  • ފްލެޓް އެޕްލިކޭޝަން: 35،818
  • ބިން އެޕްލިކޭޝަން: 9،826

ގޯތިގެދޮރުގެ ޕްރޮގްރާމް:

  • ޖުމްލަ އެޕްލިކޭޝަން: 12،861
  • ފްލެޓް އެޕްލިކޭޝަން: 112
  • ބިން އެޕްލިކޭޝަން: 12،749

މިދިޔަ ޖެނުއަރީ މަހު ހުޅުވާލި މި ސްކީމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، އެންމެ ފަހުން ފުރުސަތު ބަންދުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ގައެވެ. ސުންގަޑި އިތުރުކުރަން ޖެހުނީ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ފަންނީ ބައެއް މައްސަލަތަކާ ގުޅިގެންނެވެ.

އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ބިންތައް ރަސްމާލެއިން ދިނުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެނެވެ.

އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އެއީ 1،250 އަކަފޫޓުގެ ބިމެވެ.

މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ތެރޭގައި ސަރުކާރުގެ އެކި އޮފީސްތަކާއި ފުލުހުންނާއި ސިފައިންނާއި ކަރެކްޝަނަލް ސާވިސް އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތައް ވެސް ހިމެނެއެވެ.

ކޮމެންޓް