ރައީސް މުއިއްޒު އާއި ހައުސިން މިނިސްޓަރު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ - ފޮޓޯ: ރައީސް އޮފީސް
މިއަހަރުގެ ބޯހިޔާވަހިކަމުގެ ބަޖެޓުން ހަރަދުކުރީ އެންމެ ފަސް އިންސައްތަ
މިދިޔަ އަހަރުގެ މި މުއްދަތާ، އަޅާބަލާއިރު މިއީ 34.8 މިލިޔަން ރުފިޔާގެ ދަށްވުމެއް
މަރްޔަމް މުޙައްމަދު 16 ޖޫން 2026 (އަންގާރަ)   13:46
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ ފައިސާއިން މި އަދި މިހާހިސާބަށް ހަރަދުކުރީ އެންމެ ފަސް އިންސައްތަ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވި 2025 ވަނަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ބަޖެޓަކީ ވެސް ބޯހިޔާވަހިކަމަށް ހާއްސަ ބަޖެޓެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ވެސް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތަކަށް ކުރި ހަރަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން މި އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ކޮންމެ ހަފްތާއަކު އާންމުކުރާއިރު، މި ހަފްތާގައި އާންމުކުރި ރިޕޯޓުގައި ވަނީ، މި އަހަރަށް ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ވަނީ 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައި ކަމަށާ، އޭގެ ތެރެއިން މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 2.3 ބިލިއަން ރުފިޔާ ކަމަށެވެ.

އެހެންކަމުން މިދިޔަ އަހަރުގެ އެ މުއްދަތުގައި 2.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، މިއަހަރު ފެނިގެން މިދަނީ ފާއިތުވި އަހަރަށްވުރެ ދަށްކޮށް އެ ޕްރޮޖެކްޓުތަކަށް ހަރަދުކޮށްފައިވާ ތަނެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ ތެރެއިން ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ ބޯހިޔާވަހިކަމުގެ (ޕަބްލިކް ހައުސިން) ޕްރޮޖެކްޓުތަކަށާއި ދަތުރުފަތުރުގެ (ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާ) ނިޒާމަށް ކަމަށްވާއިރު، ޕަބްލިކް ހައުސިން އަށް 1.08 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައި ވެއެވެ.

އެގޮތަށް ކަނޑައެޅިނަމަވެސް އަހަރު ދެބައިވިއިރު ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ހާމަވަނީ އެންމެ 55 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ބަޖެޓުގެ އެންމެ 5.12 އިންސައްތަ ކަމަށް ވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ވެސް ބޯހިޔާވަހިކަމަށް 90 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހާމަވާން އެބައޮތެވެ.

އެހެންކަމުން މިދިޔަ އަހަރުގެ މި މުއްދަތާ، މިއަހަރުގެ މުއްދަތް އަޅާބަލާއިރު މިއީ 34.8 މިލިޔަން ރުފިޔާގެ ދަށްވުމެއް ކަން ފާހަގަކޮށްލެވެއެވެ.

ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާއަށް ބަޖެޓުގައި 2.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއަހަރުގެ ޖޫން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުކޮށްފައި ވަނީ 818.6 މިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުގެ 32.42 އިންސައްތައެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، މިއީ 740.9 ރުފިޔާގެ ދަށްވުމެއް ކަން ފާހަގަކުރެވޭއިރު، މިއަހަރުގެ މިހާތަނަށް އެ ދެ ދާއިރާއިން ކުރި ހަރަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަން ވެސް ފާހަގަކޮށްލެވެއެވެ.

އެހެންކަމުން އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ދަނީ ރަށްރަށުގައި ވެސް ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓިފައިވާ ކަމަށް ބުނެ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާގައި ވަނީ، އަތޮޅުތެރޭގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރުމުގެ ސަބަބު ވެސް ހިމެނޭހެން ބޮޑެތި ސަބަބުތަކަކާހުރެ، މި ހަފުތާގެ ބުރާސްފަތި ދުވަހު މި ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ވެސް ނިންމައިފައެވެ.

ހައުސިން، މިނިސްޓަރު އަބްދުﷲ މުއްތޮލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުކޮށް، ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ވެސް މިހާރު ވަނީ ހުށަހަޅައިފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް