މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން.- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާރުކޭޓް މައްސަލާގައި ކައުންސިލް ބަދުނާމުކޮށް ސަރުކާރުން ދައްކަނީ ދޮގުވާހަކަ
މުޙައްމަދު ޤާސިމް 21 ޖޫން 2026 (އާދީއްތަ)   10:59
ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ގާނޫނާ ގަވާއިދުގެ ތެރެއިން ކަމަށާ، މާލޭ ސިޓީކައުންސިލުގެ ޕްލޭންގައި ހިމެނޭ މަޝްރޫއެއް ހަމަ ކުއްލިއަކަށް، އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ހިންގަންރާވާ، ސިޓީކައުންސިލާ މަޝްވަރާއެއް ނުކޮށް ތިބެމެ އަދި އެ ކައުންސިލުން މީގެ ކުރިން އެ ޕްރޮޖެކްޓް ހިންގުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަން ވެސް ހަމަ ރަނގަޅަށް އެ މިނިސްޓްރީއަށް އެނގިތިބެމެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދެއޭ ބުނެ އާންމުންނަށް މައުލޫމާތު ފަތުރަމުންދާކަން އެ ކައުންސިލުން ފާހަގަކޮށް އެކަން ސިޓީ ކައުންސިލުން ރަސްމީކޮށް ދޮގުކޮށްފިއެވެ.

މިކަން ދޮގުކޮށް މާލޭސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، ވެޓް މާރުކޭޓް މައްސަލައިގައި މާލޭސިޓީ ކައުންސިލް ބަދުނާމުކޮށް މި ސަރުކާރުން ދައްކަނީ ދޮގުވާހަކަ ކަމަށް ރަސްމީކޮށް ހާމަކުރާ ކަމަށާ، މާލޭގެ ވެޓް މާކެޓް ތަރައްގީކުރުމަކީ 2022 ވަނަ އަހަރު މާލޭސިޓީކައުންސިލުން ފާސްކޮށްފައިވާ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު އެއް މަޝްރޫއުގެ ގޮތުގައި ކަނޑައަޅާފައިވާ މަސައްކަތެއް ކަމަށް ވުމާއެކު،

މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ސަރުކާރުގެ ގެޒެޓުގައި އިއުލާން ކުރެވި، ޕްރޮޖެކްޓް ހިންގުމަށް ތަފާތު 2 ކުންފުންޏަކާ ހަވާލުކޮށް އޭގެތެރެއިން އެއް ކުންފުންޏަކާ ބިން ހަވާލުކޮށްފައިވާކަން ވެސް އިންޓަރނަލް އޮޑިޓް ރިޕޯޓުން ފެންނަން އޮތް ޕްރޮޖެކްޓެއްކަމުގައި އެންމެހާފަރާތްތަކުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

"ކަންމިހެން އޮތްއިރު، މި މަޝްރޫއު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެދާ ހަވާލުކޮށްފައިވާ ކަމަށާ، މަޝްރޫއަށް ކަނޑައަޅާފައިވާ ސަރަހައްދުގައި މިހާރު ހުރި ލޯކަލް މާރުކޭޓު ހުސްކޮށް، އެ ބިން ހަވާލުކުރުމަށް އެދި 29 މާރިޗު 2026ގައި މިނިސްޓްރީން ވަނީ މާލެ ސިޓީ ކައުންސިލަށް އަންގާފައެވެ. ނަމަވެސް، ކުރިން އެހެންފަރާތްތަކާ ބިން ހަވާލުކޮށްފައިވަނިކޮށް، އެފަރާތުގެ ކިބައިން އެބިން އަތުލުމަށްފަހު އަދި ހަމަ މި ޕްރޮޖެކްޓު ހިންގުމަށް ވެފައިވާ ކުރިން ބުނެވުނު ދެ އެއްބަސްވުން ބާތިލުކޮށްގެން މެނުވީ އެހެންފަރާތްތަކަށް ހަމަ އެ ބިން ހަވާލުކުރުމަކީ ގާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓަށް މި ކައުންސިލުން ވާނީ އަންގާފައެވެ." – މާލޭސިޓީ ކައުންސިލް


އަދި، މަސްްރޫއަށް ކަނޑައަޅާފައިވާ ސަރަހއްދުގައި މިހާރު ހުރި ލޯކަލް މާރުކޭޓު ހުސްކޮށް އެ ބިން ހަވާލުކުރުމަށް އެދި 29 މާރިޗު 2026 ގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް އިން މާލޭ ސިޓީ ކައުންސިލަށް އެންގުމާ ގުޅިގެން އެކަމާގުޅޭ ކަންކަން ވިލަރެސްކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ކަމާ ބެހޭ މިނިސްޓަރާ އެޕޮއިންޓްމަންޓެއް ހަމަޖައްސައި ދިނުމަށް އެދި މާލޭސިޓީ ކައުންސިލުން، ރަސްމީކޮށް ސިޓީއަކުން އެދިފައިވީ ނަމަވެސް މިހާތަނަށް އެކަމަށް އެއްވެސް އިޖާބައެއް ދީފައިި ނުވާކަމަށާ، އަދި މާލެ ސިޓީކައުންސިލާ ވާހަކަދައްކާނީ ލިޔެކިޔުމުން އެކަނިކަމުގައި މިނިސްޓަރު އެ ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

"އެހެން ނަމަވެސް ވެޓް މާކެޓް ތަރައްގީކުރުމުގެ މަސައްކަތަކީ މާލެ ސިޓީއަށާ މާލެއަށް އަރާފައިބާ އެންމެހާ ބަޔަކަށް ނުހަނު ބޭނުންވެފައިވާ އަދި ކައުންސިލްގެ ޕްލޭގައި ހިމެނޭ މަޝްރޫއަކަށް ވާތީ އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މި ކައުންސިލުން ފުރިހަމައަށް ތާއީދުކުރަމެވެ." - މާލޭސިޓީ ކައުންސިލް


އެހެންކަމުން މާލޭ ސިޓީކައުންސިލުގެ ޕްލޭންގައި ހިމެނޭ މަޝްރޫއެއް ހަމަ ކުއްލިއަކަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް މިނިސްޓްރީ ހިންގަންރާވާ، ސިޓީކައުންސިލާ މަޝްވަރާއެއް ނުކޮށް ތިބެމެ އަދި މި ކައުންސިލުން މީގެ ކުރިން އެ ޕްރޮޖެކްޓް ހިންގުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަން ވެސް ހަމަ ރަނގަޅަށް މިނިސްޓްރީއަށް އެނގިތިބެމެ އެ ކައުންސިލުން އެއްބާރުލުން ނުދެއޭ ބުނެ އާންމުންނަށް މައުލޫމާތު ފަތުރަމުންދާކަން ސިޓީ ކައުންސިލުން ފާހަގަކޮށް އެކަން ސިޓީ ކައުންސިލުން ރަސްމީކޮށް ދޮގުކުރާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ.

އަދި އެ މައްސަލައިގައި ސިޓީކައުންސިލުން ހުރި ކަންބޮޑުވުންތައް ވެސް މި ނޫސްބަޔާނުގައި ވަނީ ހިމަނާފައެވެ:

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ގާނޫނާ ގަވާއިދުގެ ތެރެއިން ކަމަށް ސިޓީ ކައުންސިލުން ބުދަދުވަހު ބޭއްވި އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ އާންމު ޖަލްސާގައި ވަނީ ނިންމާފައި ކަން ފާހަގަކޮށްލެވެއެވެ.

ވެޓް މާރުކެޓް ހުރި ބިން، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެން އެ ކަމަށް ގޮތެއް ނިންމުމަށް ކުރެވުނު މަޝްވަރާގައި، ކައުންސިލުން ބުނެފައިވަނީ، އެ މައްސަލައިގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައުސިންގ މިނިސްޓްރީން ވެސް އެ ބިން ހަވާލުކުރުމަށް އެދި ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ތަނަކީ، ނިމިދިޔަ ދައުރުގައި އެ ތަން ތަރައްގީ ކުރުމަށް ދެ ކުންފުންޏަކަށް އެގްރީމެންޓް ކޮށްފައިވާ ތަނެއް ކަމުން، އެ ކޮންޓްރެކްޓް ބާތިލް ކުރުމަށް ފަހު މެނުވީ އެހެން ފަރާތަކަށް ބިން ނުދެވޭނެ ކަމަށް މޭޔަރ އާދަމް އާޒިމް އެ ޖަލްސާގައި ވިދާޅުވެ، އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް މޭޔަރ އާޒިމް ވިދާޅުވިއެވެ.

އަދި، މާލެ މާސްމާރުކޭޓަކީ، ވަރަށް ބޮޑަށް ވިރާނާވެފައިވާ ތަނެއް ކަމަށާ، ރަނގަޅު ފެންވަރުގައި، ވީހާ ވެސް އަވަހަށް ތަރައްގީކޮށް ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގު ފަހިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް މޭޔަރ އާޒިމް ވަނީ ވިދާޅުވެފައެވެ.

"އެހެން ފަރާތަކާ ހަވާލުކޮށްފައި އޮންނަ ބިމެއް، އެ ކޮންޓްރެކްޓް ބާތިލުނުކޮށް ދެވަނަ ފަރާތަކަށް ނުދެވޭނެ. އެހެން އޮތް ކަމެއް، އެ ބޭފުޅުންނަށް އެނގިތިއްބަވައިގެން، ސިޓީ ކައުންސިލާ މަޝްވަރާ ވެސް ނުކޮށް އެ ބޭފުޅުން އަތުގައި ނެތް ބިމެއް އިތުރު އެހެން ބަޔަކަށް އެގްރީމެންޓްކޮށް، ސަރުކާރު ފަރާތުން ހައުސިންގ މިނިސްޓަރ ސޮއި ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑަށް ޤާނޫނާ ހިލާފު އަމަލެއް. މި ކަމުން ސަރުކާރު އިތުރަށް ބަދުނާމުވަމުން އެ ދަނީ. މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިގެން ދަނީ" - މޭޔަރ އާޒިމް


ބުދަދުވަހުގެ ޖަލްސާގައި، އެ މައްސަލައާއި ގުޅިގެން ސިޓީ ކައުންސިލުން ހައުސިންގް މިނިސްޓްރީއަށް ފޮނުއްވި ސިޓީ ވެސް ވަނީ ހަމާކުރައްވާފައެވެ. އެ ސިޓީގައި، ކައުންސިލުން ދެ ފަހަރެއްގެ މަތިން އެގްރީމެންޓް ކުރެވުނު ގޮތުގެ ތަފްސީލު ބަޔާންކޮށްފައިވާއިރު، އެ ރޮޖެކްޓް އޭރުގެ ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދިއުމަށް ނިންމުމުން، އެ ޕްރޮޖެކްޓާ ގުޅޭ ލިޔެކިއުންތައް ހައުސިންގ މިނިސްޓްރީއަށް ގެންގޮސްފައިވާކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އަދި އެ ލިޔެ ކިއުންތައް ގެންގޮސްފައިވަނީ، އުސޫލްތަކާ ޚިލާފަށް ކަމަށާ، އަދި އެ ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުންތައް ބާތިލުކުރުމަށް ފަހުގައި ކަމަށާ، މީގެއިތުރުން ވެސް ގާނުނީ ގޮތުން އެ މައްސަލައާ ގުޅުން ހުރި އެތައް ކަމެއް އެ ސިޓީގައި ބަޔާން ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ބުދަދުވަހުގެ ޖަލްސާގައި، އެކަމާ ގުޅިގެން ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ހައުސިންގ މިނިސްޓްރީއާ ބައްދަލުކޮށް، އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށާއި، ހައުސިންގ މިނިސްޓްރީން އެ ކަމަށް އެއްބާރުލުން ލިބެންދެން މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދިއުމަށް ވެސް، ކައުންސިލަރުން އެދުވަހުގެ ޖަލްސާގައި ނިންމާފައި ވެއެވެ.

ކޮމެންޓް