
މުޒާހަރާ ފެށީ މާލޭ ރަސްފަންނު ސަރަހައްދުންނެވެ. އެ ސަރަހައްދުން ފަށައިގެން މަޖީދީމަގުން އިރަށް ކުރިއަށް ދިޔުމަށް ފުލުހުން ފުރުސަތު ދީފައެއް ނުވެއެވެ.
ފުލުހުން ބެރިކޭޑް ޖަހައި މަޖީދީމަގު ބަންދުކޮށްފައި އޮތުމުން މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔައީ އަމީނީ މަގުންނެވެ.
އަމީނީމަގުން އާޓިފިޝަލް ބީޗަށް މުޒާހަރާ ނިންމާލިއިރު އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވާހަކަ ދެއްކެވިއެވެ. މުޒާހަރާ ފެށުމުގެ ގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައިގާ ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ރައްޔިތުން ވަޒީފާ އަދާކުރުމުގެ ހައްގު ވަނީ އިންތިހާއަށް ރައްކާތެރިކޮށްދީފައި ކަމަށާއި، އެ ހައްގަށް މި ސަރުކާރުން އަރައިގަންނައިރު އެމްޑީޕީ މަޑަކުން ނޯންނާނެ ކަމަށެވެ.
އަމީނީމަގުގެ އެކި ސަރަހައްދުތަކަށް މަޑުކޮށް އެކި ބޭފުޅުން ވާހަކަ ދެއްކެވިއިރު، ސަރުކާރުން ކުރަމުންދާ ގާނޫނާ ހިލާފު ކަންކަމުގެ ވާހަކަތައް ދެއްކެވި އެވެ. މައިގަނޑުގޮތެއްގައި ސަރުކާރުގެ އެކި އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ސަބަބަށްޓަކައި މުވައްޒަފުން ވަކިކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލިއެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ އިސްތިއުފާއަށް ތަކުރާރުކޮށް ގޮވާލިއެވެ.
މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ މުޒާހަރާ އެވެ.
މުޒާހަރާ ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ރައީސް ނަޝީދު ވާހަކަ ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށާ، އެޕާޓީގެ އަމާޒާއި މަގުސަދަކީ ރައްޔިތުންގެ ތަނަވަސްކަން ހޯދައިދިނުން ކަމަށެވެ.
މިރޭ 20:45 ހާއިރު ފެށި މި މުޒާހަރާ ނިންމާލާފައިވަނީ 23:20 ހާއިރެވެ.




