
''ވަޒީފާ ބުރާސްފަތި'' ނަމުގައި އެމްޑީޕީން މިއަދު ބާއްވާ މުޒާހަރާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް، އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސައިން ހަސަން ވިދާޅުވީ، ރައީސް މުއިއްޒުގެ މިސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށާ، އެހެންކަމުން މިއަދު މުޒާހަރާއަށް ނުކުންނަނީ ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކުރަމުންދާ މުވައްޒަފުންގެ ހައްގުގައި ކަމަށެވެ.
އަދި، މި އަނިޔާވެރިކަން ވަރަށް ބޮޑު ވެފައިވާކަން ފާހަގަކުރައްވަމުން ހުސެއިން ވިދާޅުވީ، މިއަނިޔާ ލިބިފައިވާ މުވައްޒަފުންގެ ހައްގުގައި އެމްޑިޕީގެ ލީގަލްޓީމުން މަސައްކަތް ކުރަމުންދާ ކަމަށާ، މިހާރު ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް 60 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައި ވާނެކަމަށެވެ.
ހުސެއިން ވިދާޅުވީ، މިރޭ ބާއްވާ މި މުޒާރަހާގައި އެމްޑީޕީގެ ލީޑަރޝިޕުން ބައިވެރިވެވަޑައިގަންނަވާއިރު، ވީހާގިނަ އާންމުން ވެސް މިރޭގެ މުޒާހަރާގައި ބައިވެރުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ.
ވަޒީފާ ބުރާސްފަތީގެ ނަމުގައި އެމްޑީޕީން ކުރާ ބޮޑު މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ، މިރޭ 8:30 ގައި ރަސްފަންނު ސަރަހައްދުން ކަމަށާ، އެ މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެދިވަޑައިގެންފައެވެ.




