
ވަޒީފާއިން ވަކި ކޮށްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ވަޒީފާ އަދާ ކުރަމުން އައި ނ.ވެލިދޫ، ސްޓޯން، މުހައްމަދު މާސިހު (މާޗީ) އެވެ. އޭނާއަކީ ބެޗެލާސް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން ހާސިލުކޮށްފައިވާ އެދާއިރާގެ ތަޖުރިބާކާރު ޒުވާނެކެވެ.
މާޗީ ވަޒީފާއިން ވަކިކޮށްފައި ވަނީ މިއަދު އެވެ. އޭނާއަށް އެކަން އަންގައި ފޮނުވި ޗިޓުގައި މަގާމުން ވަކި ކުރާ ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.
އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މާޗީ ވަކިކުރީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ "ވަޒީފާ ބުރާސްފަތި" ގެ ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި އޭނާ ބައިވެރިވެފައިވާތީ އެވެ.
މާޗީ އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ އެމްޑީޕީގެ މެންބަރެކެވެ. އޭނާ ވަނީ އެމްޑީޕީ ވެލިދޫ ދާއިރާގެ ނައިބްރައީސްކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމާއި، ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ހައްގެކެވެ.
މާޗީ ވަޒީފާއިން ވަކި ކުރުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ. ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ދައްކަމުންދާ ބިރާއި ދެމުންދާ އަނިޔާ ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
"މި ބިރު ދެއްކުމާއި އަނިޔާ، މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ވެރިކަމާއެކު، އެމްޑީޕީއިން ނިމުމަކަށް ގެންނާނަން. ރައީސް މުއިއްޒު މި ރާއްޖޭގެ ތިޔަގެންދަވަނީ އިންގިލާބެއްގެ ތުންފަތް މައްޗަށް،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ވަޒީފާ ދިނުމާއި ވަޒީފާއިން ވަކި ކުރުމުގައި ސިޔާސީ ފިކުރަށް ނުބައްލަވާނެ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ވަޒީފާތަކަށް މީހުން އައްޔަނު ކުރުމުގައާއި ވަޒީފާތަކުން މީހުން ވަކި ކުރުމުގައި ސިޔާސީ ފިކުރަށް ވަރަށް ބޮޑަށް ބަލާކަން ހާމަވާއިރު، ސަރުކާރަށް ތާއީދު ނުކުރާ މީހުން މަގާމުތަކުން ވަކިކުރުން ވަނީ އާންމުވެފައެވެ.




