ރާއްޖޭގެ ރިސޯޓެއްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ:ހާޑްރޮކް ހޮޓެލް
ރިސޯޓު ހެދުމަށްޓަކައި ދައުލަތުގެ ކުންފުނިތަކަށް ރަށް ދޫކުރުމުގެ އާ އުސޫލެއް
ފިޔެސް 19 ޖޫން 2026 (ހުކުރު)   09:22
ޓޫރިސްޓް ރިސޯޓާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި، ދައުލަތުގެ ކުންފުނިތަކަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމާ ގުޅޭ އާ ގަވާއިދެއް ސަރުކާރުން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދު ނަންބަރު 2026/R-55 މި ގަވާއިދުގެ ދަށުން، ރިސޯޓު ތަރައްގީކުރަން ދޫކުރާނީ ސަރުކާރުގެ ހިއްސާ މަދުވެގެން 45 އިންސައްތަ އޮންނަ، މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުނިތަކަށެވެ.

އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ފަތުރުވެރިކަމަށް ކަނޑައަޅުއްވާފައިވާ ތަނަކަށް ވާންޖެހޭ އިރު، އެތަނަކީ ކެބިނެޓުން އެގޮތަށް ނިންމާފައިވާ ތަނަކަށް ވެސް ވާންޖެހެއެވެ. ޝައުގުވެރިވާ ކުންފުނިތަކުން ކުންފުނީގެ ޕްރޮފައިލްއާއި، މަޝްރޫއުގެ ތަފްސީލުގެ އިތުރުން އެކުއިޒިޝަން ކޮސްޓް ދައްކާނެ ގޮތް ހުށަހަޅަންޖެހޭއިރު، ހުށަހަޅާ ލިޔެކިޔުންތަކުގައި އުނިކަމެއްވާނަމަ އެކަމެއް އިސްލާހުކުރަން 10 ދުވަހުގެ މުއްދަތެއް ލިބިބިދޭންޖެހެއެވެ.

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމުގައި ބަލާނެ ޝަރުތުތަކާއި، އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން ކަމަށްވާއިރު، މި އުސޫލުގެ ދަށުން ކުއްޔަށް ނަގާ ތަންތަނަށް ދައްކަންޖެހޭ ލީސް އެކުއިޒިޝަން ކޮސްޓް މީރާއަށް ދައްކަން ޖެހޭނެއެވެ. ނަމަވެސް ސަރުކާރުން އެ ކުންފުންޏަކަށް ދޭންޖެހޭ ފައިސާއެއް އޮތްނަމަ، ފިނޭންސް މިނިސްޓްރީގެ ލިޔުމަކާއެކު އެ ފައިސާއިން އެކުއިޒިޝަން ކޮސްޓް އުނިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ގޮތުގައި ފަސް ލައްކަ ޑޮލަރު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރަން ނުވަތަ އެ އަދަދުގެ އިޖުތިމާއީ މަޝްރޫއެއް ހިންގަން މި ގަވާއިދު ލާޒިމުކުރެއެވެ. މިގޮތަށް އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

މި ގަވާއިދުގެ ދަށުން ދޫކުރާ ތަންތަނުގެ ހައްގު އެހެން ފަރާތަކަށް ބަދަލުކުރުމާއި ސަބްލީސް ކުރުމަކީ މަނާކަމެކެވެ. އެހެންނަމަވެސް، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނޭޖްމަންޓް އެހެން ފަރާތަކާ ހަވާލުކޮށްގެން ހިންގިދާނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސޯސްގައި ހިމެނޭ ތަންތަނުގައި ހިންގޭނީ ހަމައެކަނި އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދަށުން ހަދާ ގެސްޓްހައުސްތަކާއި ހޮޓާތައް ކަމަށްވެސް އާ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވޭނީ މައިގަނޑު ތިން ޝަރުތެއް ފުރިހަމަވާނަމައެވެ. އެގޮތުން އެ ކުންފުންޏަކީ އެފަދަ މަޝްރޫއެއް ހިންގުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏަކަށް ވާންޖެހޭނެ އެވެ. އަދި އެ ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާ މަދުވެގެން 45 އިންސައްތަ އޮންނަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ތަނެއް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، ރައީސުލްޖުމްހޫރިއްޔާ އެ ތަނަކީ ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅުއްވަން ޖެހޭނެ އެވެ.

ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ކުންފުނިތަކުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކުންފުނީގެ ޕްރޮފައިލާއި، މާލީ އަދި ފަންނީ ޤާބިލުކަން އަންގައިދޭ ލިޔުންތަކާއި، ބޯޑު ރިޒޮލިއުޝަންގެ އިތުރުން މަޝްރޫއުގެ ތަފުސީލު ހިމެނެއެވެ. އަދި ލީސް އެކުއިޒިޝަން ކޮސްޓް ދައްކާނެ ގޮތުގެ ތަފުސީލުވެސް ހުށަހަޅަންޖެހެ އެވެ. މި ލިޔެކިޔުންތައް ހުށަހެޅުމުން މިނިސްޓްރީން އިބްތިދާއީ ގޮތުން ބަލައި، އުނިކަމެއް ހުރިނަމަ އެކަން އިސްލާހުކުރަން 10 ދުވަހުގެ މުއްދަތެއް ދޭނެއެވެ. މި މުއްދަތުގައި އިސްލާހު ނުކޮށްފިނަމަ ހުށަހެޅުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.

ކޮމެންޓް