މިއަދު ބަދަލު އައި މަގާމުތަކާ ގުޅިފައިވާ ބޭފުޅުން.--
ޕީސީބީ އަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކަށް ބަދަލުތަކެއް
ފިޔެސް 30 އޭޕްރީލް 2026 (ބުރާސްފަތި)   23:05
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކަށް ފާހަގަ ކުރެވޭ ފަދަ ބަދަލުތަކެއް މިއަދު ގެނެސްފި އެވެ.

ޕީސީބީގެ ރައީސް ބަދަލުކުރުން

މިގޮތުން، ޕީސީބީގެ ރައީސްގެ މަގާމުން، ގއ.ދެއްވަދޫ ދޭލިޔާގެ، މުހައްމަދު އަނަސް އިސްތިއުފާ ދިނުމުން އެ މަގާމަށް މއ.ޔެލޯބެލް، މުހައްމަދު ނިޒާރު އައްޔަނުކޮށްފި އެވެ.

މުހައްމަދު ނިޒާރަކީ ބައިނަލްއަގްވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ ތަޖުރިބާވެސް ލިބިފައިވާ ބޭފުޅެކެވެ.

ނިޒާރު ވަނީ 2014 އިން 2019 އަށް ވެސް ޕީސީބީ ގެ ރައީސްކަމުގެ މަގާމު ފުރުއްވާފަ އެވެ.

އަނަސް ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަނު ކުރީ 2025 މާޗު 13، ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ހަމްދީ އަގީލް 2025 ފެބްރުއަރީ 13، ގައި އިސްތިއުފާ ދެއްވުމުންނެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް އަނަސް އައްޔަނުކުރުން

ޕީސީބީގެ ރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު އަނަސް މިއަދު ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް އައްޔަނުކޮށްފައެވެ.

އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެކެވެ.

އޭނާ ވަނީ ދިވެހި ސަރުކާރުގެ އިސް އެކި މަގާމުތަކެއް ފުރުއްވާފައެވެ.

އަނަސް އަކީ މި ސަރުކާރުގައި މިފްކޯއަށް އައްޔަނުކުރެވުނު ހަތަރުވަނަ ސީއީއޯ އެވެ. އެންމެ ފަހުން، 2025 މާޗް 5 ގައި އެ މަގާމާ ހަވަލުވި ފަރުހަތު ޝަހީރު، މަގާމުން އިސްތިއުފާ ދެއްވީ އެޕްރީލް 14 ވަނަ ދުވަހު އެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިސްތިއުފާދިނުން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން މިއަދު އިސްތިއުފާ ދެއްވިއެވެ.

މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުންޏަށް ލަމްއާން އައްޔަންކުރެއްވީ 2024 ފެބްރުއަރީ 1، ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްއާން އައްޔަނު ކުރުމަށް ވަނީ ނިންމާފައެވެ.

އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ލަމްއާން އިސްތިއުފާ ދެއްވުމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.

އެޕްރީލް 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކަށް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އޭގެ ތެރޭގައި މިފްކޯ، އެމްޕީއެލް، ފެނަކަ އަދި އެމްޑަބްލިއުއެސްސީ ހިމެނެ އެވެ.

ކޮމެންޓް