ޔޫއޭއީގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުން
ޔޫއޭއީގައި ވެސް ހަގު އުމުރުފުރައަށް ސޯޝަލް މީޑިއާ މަނާކޮށްފި
މަރްޔަމް މުޙައްމަދު 19 ޖޫން 2026 (ހުކުރު)   14:02
ޔޫއޭއީ( އެކުވެރި އަރަބި އިމާރާތް) އިން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިޔާ މަނާކޮށްފިއެވެ.

އޮންލައިން ޕްލެޓްފޯމްތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުދިންނަށް ކުރަމުން ދިއުމުގެ ސަބަބުން އެކަން ހުއްޓުވުމުގެ ގޮތުން މިހާރު ވެސް ދުނިޔޭގެ ބައެއް ގައުމުތަކުން މިފަދަ ފިޔަވަޅުތައް އަޅާފައި ވީނަމަވެސް، ޔޫއޭއީއަކީ މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ އަރަބި ގައުމުކަން ފާހަގަކޮށްލެވެއެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އިއްޔެ އެ ގައުމުގައި ފާސްކުރި މި ގަރާރުގެ ދަށުން، 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގައި އަމިއްލަ އެކައުންޓްތައް ހުޅުވުމާއި، ބޭނުންކުރުމާއި، ހިންގުން މަނާވާއިރު، އެ ކުދިން ސޯޝަލް މީޑިޔާ ކޮންޓެންޓް ޕޯސްޓްކުރުމާއި، ކޮމެންޓްކުރުމާއި، ޝެއާކުރުން ނުވަތަ އާންމު ގްރޫޕްތަކާ ގުޅުމުގެ ފުރުސަތު އެއްކޮށް ބަންދުވާނެއެވެ.

އަދި 15 އަހަރުން ދަށުގެ ކުދިން ހުޅުވާ އެކައުންޓްތައް މަނާކޮށް، އުމުރު ޔަގީންކުރުމުގެ ނިޒާމުތައް ފޫއަޅުވައިލުން ހުއްޓުވުމާއި، އިޝްތިހާރު ފަދަ ކަންކަމަށް ކުޑަކުދިންގެ އެކައުންޓުތަކުގެ ޒާތީ މައުލޫމާތު ބޭނުންކުރުން ވެސް މި ބަދަލާއެކު ހުއްޓުވާލާނެއެވެ.

މި އޮނިގަނޑަކީ ޑިޖިޓަލް އެކްސެސް އާއި ސަލާމަތްތެރިކަން ހަމަހަމަކުރާއިރު ކުޑަކުދިން ރައްކާތެރިކޮށްދޭ ނިޒާމުތައް ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ މަސައްކަތްތަކާ ގުޅޭ އޮނިގަނޑެއް ކަމަށް ޔޫއޭއީ ސަރުކާރުން ބުނާއިރު، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމުގެ ގޮތުން، އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ގިނަ ގައުމުތައް ހިމެނޭހެން ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ.

ކޮމެންޓް