ރައީސް މުއިއްޒު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރަނީ
މަރްޔަމް މުޙައްމަދު 1 ޖޫން 2026 (ހޯމަ)   11:48
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށް ގަސްތު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެންމެ ޒުވާން ކުދިން ސޯޝަލް މީޑިއާގައި ނުރަނގަޅު ކަންތައްތަކުގެ ތެރެއަށް ގޮސްފައިވާ ކަމަށާއި މިއީ މުޅި ދުނިޔޭގައިވެސް އޮތް ކަމެއް ކަމަށެވެ.

ސައިބާ ބުލީއަކީ ނުރައްކާތެރި ކަމެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޮންލައިން ގްރޫމިންއަކީވެސް އޭގެ ތެރެއިން އަންނަ ނުރައްކާތެރި ކަމެއް ކަމަށެވެ.

ޒުވާން ކުދިން މި ކަންކަމުން ސަލާމަތްކުރުމަކީ ރައްޔިތުންނާއި މުޖުތަމައުއާ ގުޅިގެން ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސޯޝަލް މީޑިއާގެ ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.

މިކަމުގައި އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު މިންގަނޑެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ވަނީ އޮސްޓްރޭލިއާގެ މިންގަނޑުތައް ރާއްޖެއަށް ތައާރަފު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ގަސްތު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އެހެންވީމަ ކުރިއަށް ހުރި ދުވަސްތަކުގައި މަސްތަކުގައި މިކަމާ ގުޅޭ މަސައްކަތްތައް ނިންމާ އަޅުގަނޑު އުންމީދު ކުރަނީ ގިނަވެގެން އެންމެ ގިނަވެގެން އަހަރެއްހާ ދުވަސް އެންމެ ގިނަވެގެން އަދި އެއަށްވުރެވެސް އަވަހަށްވެސް ކާމިޔާބު ކުރެވޭނަމަ މިއަހަރުގެ ތެރޭގައިވެސް އަމަލީ ގޮތުން އެންފޯސްކުރެވޭ ކަމަކަށް 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓްރޭލިއާގައި އޮތްފަދަ ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާ އެޕްތައް ބޭނުން ކުރުމުގައި ބޭން ކުރުމުގެ ކަންތައް ކުރުން،" ރައީސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ އިތުރުން މެލޭޝިއާގައިވެސް 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށް ގާނޫނާއި ގަވައިދު އެކުލަވާލައި މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

ކޮމެންޓް