މާލެ ސިޓީ މޭޔަރާއި ކައުންސިލަރުން ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ ދަރުބާރުގޭ ދޮރުމަތީގައި.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މޭޔަރާއި ކައުންސިލަރުން ހައުސިން މިނިސްޓްރީއަށް، މިނިސްޓަރާ ބައްދަލެއްނުވި
މި މިނިސްޓަރަކީ ވަރަށް ބޮޑަށް ފިލައިގެން އުޅުއްވާ މިނިސްޓަރެއްގެ ގޮތުގައި ފާހަގަކުރެވެނީ: މޭޔަރު އާޒިމް
ޖުނާން އަޙުމަދު 11 ޖޫން 2026 (ބުރާސްފަތި)   08:08
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާއި އެ ކައުންސިލްގެ ގިނަ އަދަދެއްގެ ކައުންސިލަރުން ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާ ބައްދަލުކުރައްވަން ވަޑައިގަތުމުން ބައްދަލުވާގޮތެއް ނުވިއެވެ.

މޭޔަރު އާޒިމް މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި އެބޭފުޅުން އިއްޔެ ހައުސިން މިނިސްޓްރީއަށް ވަޑައިގަތީ، އެކި ކަންކަމުގައި މާލެ ސިޓީ ކައުންސިލުން ބައްދަލުކޮށް މަޝްވަރާކުރަން އެދި ހައުސިން މިނިސްޓްރީއަށް ފޮނުވާ ސިޓީތަކަށް ޖަވާބެއް ނުދޭތީ އެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްވެއްޖެ މިނިސްޓަރާ ބައްދަލުކުރަން އުޅޭތާ. ދެ ސިޓީއެއް މިހާރު ފޮނުވައިފިން، އެކަމަކު އެއްވެސް ސިޓީއަކަށް މިކޮޅުން ޖަވާބު ނުލިބޭތީ ކައުންސިލް އެންމެން މިއައީ ބައްދަލުކުރަން،" ކުރީ ދައުރުން ފެށިގެން މޭޔަރުގެ މަގާމު ފުރައްވާ އާޒިމް، ހައުސިން މިނިސްޓްރީ ކުރިމަތީ ހުންނަވާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މައުލޫމާތު އޮޅުންފިލުވައި މަޝްވަރާކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ފާހަގަ ކުރެއްވި ކަންކަމަކީ؛

  • ހައުސިން މައްސަލަ އެންމެ ބޮޑު މައްސަލަ
  • މަގުތަކުގެ އަޕްޑޭޓެއްވެސް ނުލިބޭ
  • މަސްމާރުކޭޓުވެސް އަވަސްކުރަން ވަރަށް ބޮޑަށް ބޭނުންވޭ. އެކަމުގެ އަޕްޑޭޓެއް ނުލިބޭ. އެކަމާވެސް މަޝްވަރާކުރަން ބޭނުންވާކަން ބުނެފައި އޮންނާނެ.
  • ވިލިމާލެ ފުނަވާ ސަރަހައްދުގައި ޕްރޮޖެކްޓެއް ހިންގާތީވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއް ފޮނުވާފައިވާތީވެ، އެކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރަން.

އޭގެ އިތުރުންވެސް ގިނަ ކަންތައްތަކެއްގައި މިނިސްޓަރާއެކު މަޝްވަރާ ކުރައްވަން ބޭނުންވާކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ މިނިސްޓަރު ބިޒީކޮށް އުޅުއްވާތީ އެވަގުތު ބައްދަލުވާން ނެތްކަމަށް މިނިސްޓްރީން މައުލޫމާތު ދިން ކަމަށެވެ.

އަދި އަންނަ ހަފްތާގެ ތެރޭގައި ސިޓީ ކައުންސިލާ ބައްދަލުކުރަން ވަގުތު ދޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަން އެ ބައްދަލުވުން ލިބޭނެކަމަށް. ބައްދަލުވުން ލިބެންދެން އަޅުގަނޑުމެން މިތަނަށް އަންނަމުންދާނަން. މި އަންނަ ހަފްތާ ބައްދަލުވުން ނުލިބުނަސް އަނެއްކާވެސް އަޅުގަނޑުމެން އަންނާނަން." މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކައުންސިލްގެ ފާއިތުވި ދައުރުވެސް ފޮނުއްވި ސިޓީތަކަށް ޖަވާބު ނުދެއްވައި ބައްދަލު ކުރުމުގެ ފުރުސަތުވެސް މިނިސްޓަރު ނުދެއްވާ ކަމަށެވެ.

"ފާހަގަކުރެވެނީ މި މިނިސްޓަރަކީ ވަރަށް ބޮޑަށް ފިލައިގެން އުޅުއްވާ މިނިސްޓަރެއްގެ ގޮތުގައި. އަޅުގަނޑަށް ހާއްސަކޮށް ފިލައިގެން އުޅުއްވާ މިނިސްޓަރެއްގެ ގޮތުގައި ފާހަގަކުރެވެނީ" މޭޔަރު ވިދާޅުވިއެވެ

މާލޭ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތައް ދިމާވެފައިވާކަން ފާހަގަ ކުރައްވާ އެންމެ ބޮޑު މައްސަލައަކީ ހައުސިންކަން ފާހަގަ ކުރެއްވިއެވެ. ހައުސިން ކަންތަކުގައި ބިން ދިނުމުގައާއި ފްލެޓްތައް ދިނުމުގައި ކައުންސިލްގެ ދައުރެއްނެތި މިނިސްޓަރަށް އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ، ކައުންސިލަރުންނަށްވުރެ ބޮޑަށް މާލޭ ރައްޔިތުންގެ ހާލަތު އިތުރު ބަޔަކަށް ނޭނގޭނެކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އެހެންކަމާއެކު، އެންމެ އިންސާފުވެރިކޮށް ފުލެޓާއި ގޯތީގެ ކަންތައް ކުރިއަށް ގެންދެވޭނީ ކައުންސިލަރުންގެ ބައިވެރިވުމާއެކުކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް