ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ).- ފޮޓޯ: އެޗްޑީސީ
އެޗްޑީސީންވެސް މުވައްޒަފުން މަދުކުރުމަށް ހާއްސަ ޕްރޮގްރާމެއް
މަރްޔަމް މުޙައްމަދު 19 ޖޫން 2026 (ހުކުރު)   19:18
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ރިޑަންޑަންސީ ޕެކޭޖު ތަކަކަށް އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

މި ނިންމުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދީފައިވާ އިރުޝާދާ އެއްގޮތަށް، އެޗްޑީސީގެ ބޯޑުން ފާސްކުރި އާ އޮނިގަނޑެއްގެ ދަށުން ނިންމި ނިންމުމެކެވެ.

އެޗްޑީސީން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނި ރީސްޓަކްޗާ ކުރުމަށްޓަކައި އިނާޔަތައް ދީގެން މުވައްޒުން މަދު ކުރިމަށް ރިޑަންޑެންސީ އަދި ރިޓަޔާމަންޓް އުސޫލުން ދެ ގޮތަކަށް މުވައްޒަފުން ވަކިވާން ބޭނުންވާ ހާލަތްތަކުގައި އިނާޔަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ:

  1. އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުން: އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް، އެކަމަށް އެދި ހުށަހެޅިދާނެ. އަދި އެގޮތަށް ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ހޮވާ ފަރާތްތަކަށް އުސޫލުގައި ބަޔާންކޮށާްފައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުން ދެވޭ "ފުރިހަމަ އިނާޔަތް" ލިބިދެވޭނެ
  2. އަމިއްލައަށް އެދިގެން ރިޓަޔާވުން: މިހާރު އަމަލުކުރަމުންދާ ރިޓަޔާމަންޓް އުސޫލުގެ ދަށުން އެކަމަށް ޝަރުތު ހަަމަވާ މުވައްޒަފުން، ހިދުމަތުގެ މުއްދަތަށާއި މުވައްޒަފު އަދާ ކުރަމުންދާ ވަޒީފާ އަދި އުސޫލުގައިވާ އެހެން ކަންކަމަށް ރިއާޔަތް ކުރުމަްފަހު، "އެއް ފަހަރާ ލިބިދެވޭ އެކަށީގެންވާ އިނާޔަތަކާއެކު" ރިޓަޔާވުމުގެ ފުރުސަތު ލިބިދެވޭނެ


މި ދެ ގޮތުން ކުރެ ގޮތަކުން ވަޒީފާއިން ވަކިވާ ހާލަތުގައި ދޭނީ ކިހާ އަދަދެއްގެ އިނާޔަތެއްކަމަށް މެމޯއިން ނޭނގެ އެވެ. ނަމަވެސް އެ ލިބޭނެ އިނާޔަތްތަކާއި ޝަރުތުތައް އަދި އެނޫންވެސް ތަފްސީލުތައް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއިނ އެޗްއާރު މެދުވެރިކޮށް މުވައްޒަފުންނަށް ހިއްސާ ކުރެވޭނެ ކަމަށް މެމޯގައި ބުނެފައި ވެއެވެ. އަދި މި މަސައްކަތް ކުރާނީ ގާނުނާއި ގަވައިދާ އެއްގޮތައް ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.

"މި ފުރުސަތުތައް ދިނުމުގައި މައިގަނޑު މަގްސަދަކީ، ކުންފުނި ރީސްޓްރަކްޗާ ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަސައްކަތްކުރުމާއެކު، ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އިހްތިރާމާއި ލާބައާއެކު ފައިދާހުރި ގޮތެއްގައި އެ ފުރުސަތު ފަހިކޮށްދިނުމެވެ." އެ މެމޯގައި ބުނެފައިވެއެވެ.

ފެނަކައިންވެސް ވަނީ މި ފަހުން މިފަދަ ފުރުސަތެއް އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލާފަ އެވެ. އެގޮތުން އެ ކުންފުނިން ދިން ހުށަހެޅުމަކީ، ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު ދިނުމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ބޭނުމަށް ގިނަބަޔަކަށް ވަޒީފާ ދީގެން، މަސައްކަތެއްނެތި މުސާރަ ދެމުންދާކަން ވަރަށް ގިނަބަޔަކު ފާހަގަ ކުރެއެވެ. އެ ކުންފުނިތަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް މުސާރައަށް ހޭދަކުރާއިރު، ބައެއް ކުންފުނިތަކަށް ވަނީ މާލީގޮތުން ނުއުފުލޭ ވަރު ބުރައަކަށް އެކަން ވެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފައިދާގައި ހިންގި އެޗްޑީސީއަށް ވެސް 2024 ވަނަ އަހަރު 109 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް