ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ).- ފޮޓޯ: މަޖިލިސް
ބޯހިޔާވަހިކަން ލިބޭ ރަށަކަށް ރަށްވެހިކަން ބަދަލު ކުރެވޭގޮތަށް ހުށަހެޅި ބިލު ބޭރުކޮށްފި
މަރްޔަމް މުޙައްމަދު 29 ޖޫން 2026 (ހޯމަ)   14:55
އެމީހަކަށް ބޯހިޔާވަހިކަން ލިބޭ ރަށަކަށް އެމީހެއްގެ ރަށްވެހިކަން ބަދަލު ކުރެވޭގޮތަށް، ރަށެއްގެ ރަށްވެއްސަކަށްވުމަށް އޮތް ޝަރުތުތަކަށް ލުއިދިނުމަށް ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިނުގަނެ، ރައްޔިތުންގެ މަޖިލީހުން އެ ބިލު ބޭރުކޮށްލައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އެ ބިލަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކެވި ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކެވީ އެ ބިލާ ދެކޮޅަށެވެ.

ޕީއެންސީގެ ބައެއް މެންބަރުން "އެއީ ގެންނަން ހެޔޮވާވަރުގެ އިސްލާހެއް ނޫން" ކަމުގައި ވިދާޅުވެ ވާހަކަ ދެއްކެވިއިރު، އަނެއްބައި މެންބަރުން ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތައް އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާނަމަ، ރަޖިސްޓްރީ ބަދަލުކޮށް އެ ރަށަކުން ރަށްވެހިކަން ހޯދުމުގެ ފުރުސަތު ލިބެން ޖެހެއެވެ.

ބިލުގެ ބަހުސަށްފަހު ނެގި ވޯޓުގައި ބިލު ބަލައިގަންނަން ނުފެންނަކަމަށް 59 މެންބަރަކު ވޯޓް ދެއްވިއިރު، ބިލު ބަލައިގަންނަން ވޯޓް ދެއްވީ އެންމެ 12 މެންބަރުންނެވެ.  

މެންބަރު ކުޑޫ ހުށަހެޅުއްވި ބިލުގައި ވަނީ، ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް ހަތަރު މާއްދާއެއް އިތުރުކުރުމަށެވެ.

މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ:

  • މިލްކުވެރިކަމުގެ ދަށުން ރަށްވެހިވުން: ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް، ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން، ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްގެ ގާނޫނީ މިލްކުވެރިކަން ލިބިއްޖެނަމަ، އެ ރަށެއްގެ ރަށްވެއްސަކަށް ވުމުގެ ފުރުސަތު ފަހިކޮށްދިނުން.
  • ރަޖިސްޓްރީކުރުމުގެ މަރުހަލާ: ބިމުގެ ނުވަތަ ގޭގެ މިލްކުވެރިކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުންތައް ހުށަހެޅުމުން، އެއީ ދިރިއުޅޭ ތަނެއްކަން ކަމާބެހޭ އިދާރާއިން ކަށަވަރުކުރުމަށްފަހު، އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭންޖެހޭނެ ކަމަށް.
  • ފުށުއެރުން ނައްތާލުން: އައު ރަށެއްގައި ރަށްވެހިވުމާއެކު، ކުރިން ރަށްވެހިވެފައިވާ ރަށުގެ ރަޖިސްޓްރީ އުވާލަންޖެހޭ. އަދި އެއް ވަގުތެއްގައި އެކަކަށްވުރެ ގިނަ ރަށެއްގައި ރަޖިސްޓްރީވެފައި ނުހުރެވޭނެކަން ކަށަވަރުކުރުމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވޭ.
  • އިޖުރާއަތްތައް ކަނޑައެޅުން: މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އަމަލުކުރާނެ އިޖުރާއަތްތަކާއި، ގޮތް ނިންމާނެ އިދާރާގެ އިތުރުން، ބަލަދުވެރިކަމުގެ ދަށުގައިވާ ކުޑަކުދިންގެ ރަށްވެހިކަން ބަދަލުކުރާނެ އުސޫލުތައް ސާފުކޮށް ބަޔާންކުރަންޖެހޭނެ ކަމަށް ބިލުގައި ހުށަހަޅާފައިވޭ.

މި ބިލު ހުށަހަޅުއްވަމުން މެންބަރު ކުޑޫ ވިދާޅުވީ، މި އިސްލާހުތަކުގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް ދިމާވެފައިވާ ބޮޑު ތަކުލީފަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް