ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް.-
ބީއެމްއެލް އިން މިވަނީ ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަދެފައި: ފައްޔާޒު
ހަސަން އިބްރާހީމް 30 ޖޫން 2026 (އަންގާރަ)   23:45
ޑޮލަރުގެ މައްސަލަ ސަރުކާރަށް ހައްލުނުކުރެވި، ރައްޔިތުންނަށް ޑޮލަރު ލިބުމުގައި އިތުރު ދަތިތައް ދިމާވެފައިވަނިކޮށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު އިއުލާންކުރި "އިންވެސްޓްމެންޓްސް ބައި ބީއެމްއެލް" އަކީ ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިން މިއަދު އިފުތިތާހު ކުރީ އާންމުންނަށް ބީއެމްއެލްއަށް ޑޮލަރު ވިއްކޭނެ ޕްރޮގްރާމެކެވެ. އޭގެ ދަށުން ޑޮލަރު ދިނުމުން ބޭންކުން ފުރަތަމަ ރަސްމީ ރޭޓުގައި ޑޮލަރަކަށް 15.42 ރުފިޔާ ދޭނެ އެވެ. އަދި ގަތް ޑޮލަރު ބީއެމްއެލް އިން ބޭނުން ކުރުމަށްފަހު 25 ޕަސެންޓާ ހަމައަށް ފައިދާގެ ގޮތުގައި ދޫކުރާނެ އެވެ. ބޭންކުގެ ޕްރޮގްރާމުގެ ދަށުން ޑޮލަރު ވިއްކައިފި ނަމަ 19.30 ރުފިޔާއާ ހަމައަށް ފައިދާވުމުގެ ފުރުސަތު އޮވެ އެވެ.

އެއީ އިންވެސްޓްމަންޓް ޕްރޮގްރާމެއް ކަމަށް ބޭންކުން ބުނި ނަމަވެސް އެއީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަޅު ބާޒާރުން ޑޮލަރު ގަތުން ކަމަށް ފައްޔާޒް މިރޭ ވިދާޅުވި އެވެ.

"ރައީސް މުއިއްޒުގެ ސަރުކާރަށް ބޭރު ފައިސާގެ ސަޕްލައި ހަމަޖެއްސުމުގައި ދިމާވެފައިވާ ނުކުޅެދުންތެރިކަމާއި، ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް އިތުރަށް ގޯސްވުމާ ގުޅިގެން، ބީއެމްއެލް އިން މިވަނީ ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަދެފައި" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް ފާޅުކަން ބޮޑުގޮތެއްގައި ގޮންޖަހަމުންނެވެ. އެފަދަ ބޮޑު ޣައިރު ގާނޫނީ މަސައްކަތްތައް ކުރާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކޮބައިތޯ ފައްޔާޒު ވަނީ ސުވާލު އުފައްދަވާފަ އެވެ.

ފައްޔާޒު ވިދާޅުވީ ޑޮލަރުގެ ދަތިތަކަށް އޮތް ހައްލަކީ ބޭންކަށް މަޖުބޫރުކޮށްގެން ޑޮލަރުގެ ކަޅު ބާޒާރަށް ވަނުން ނޫން ކަމަށާ، އެކަމުގެ ސަބަބުން ސަރުކާރުގެ ނާގާބިލުކަން ހުރި މިންވަރު ހާމަވެއްޖެ ކަމަށެވެ.

"މި ޕްރޮގްރާމު ފަށާފައި މި ވަނީ ރާއްޖެއިން ބޭރުގައި ދިވެހިންނަށް ބޭނުން ކުރެވޭ ޑޮލަރު ކޮންޓްރޯލް ކުރުމަށްފަހު. މިއީ ސަރުކާރުގެ ނާގާބިލުކަމުގެ ހެއްކެއް. ޑޮލަރުގެ ދަތިކަމަށް އޮތް ހައްލަކީ ގާނޫނާ ހިލާފަށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުމަށް ބީއެމްއެލްއަށް މަޖުބޫރު ކުރުމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް މިގޮތަށް ދިމާވަނީ، މި ސަރުކާރުގެ އަތުގައި މިކަމަށް ދޭނެ ހައްލެއް ނެތުމުން ކަމަށާ، އަމިއްލަ ފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރު ފައިސާ، ދަރަނި ދެއްކުމަށް ބޭނުންކުރުމަށްފަހު، ސަރުކާރުން އެއީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް، ރައްޔިތުން ޑޮލަރު ހޯދަން ސަލާންޖަހަން ޖެހޭ ހާލަތަށް ދޫކޮށްލީ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ފާހަގަ ކުރައްވާފައިވާ ގޮތުގައި ޑޮލަރު ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ހަގީގީ ރޭވުންތެރިކަމެއް ނެތުމާއެކު، އެއީ އަވަސް ހައްލެއް އޮތް މައްސަލައެއް ނޫނެވެ.

އަދި ކިތަންމެ ވަރަކަށް ކަންކަން އޮޅުވާލަން އުޅުނަސް، ހަގީގަތް އަބަދު ފޮރުވާފައި ނުބޭއްވޭނެ ކަމާއި، އިގްތިސޯދީ މައްސަލަތައް ހައްލުކުރެވޭނީ ދުރު ރާސްތާގެ ހަރުދަނާ ސިޔާސަތުތަކާއި ހެޔޮވެރިކަމެއްގެ ތެރެއިންކަންވެސް ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް