
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމާއެކު ޑޮލަރު ހަރަދު ކުރާ މިންވަރު ދަށްނުވުމަކީ ވެސް ޑޮލަރުގެ އަގު ތިރިނުވާ ސަބަބެއް ކަމަށެވެ.
"ޑޮލަރުގެ އަގު ދަށް ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ރަނގަޅު ޕްރޮގްރާމެއް ނެތުމާއި އެކަން މައްޗަށް ޑޮލަރު ހަރަދު ކުރާ މިންވަރު ދަށްނުވާތީ،" ނަޝީދު ވިދާޅުވެފައި ވެއެވެ.
ޑޮލަރުގެ އަގު މިވަގުތު ހުރީ 20.50 ރުފިޔާގަ އެވެ. މިއަހަރުގެ ނިމުމުގެ ކުރިން ޑޮލަރުގެ އަގު 21 ރުފިޔާއަށް އެރުން ގާތް ކަމަށް ވެސް މާލީ ތަޖުރިބާކާރުން ބުނެއެވެ.
ރާއްޖެއިން ވަނީ މި އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކަކަށް އަނބުރާ ފައިސާ ދައްކައިފަ އެވެ. އޭގެ އިތުރުން ވެސް މި އަހަރު 500 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ބޭރު ދަރަނި ދައްކަންޖެހެއެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ ދަރަނިތައް ދައްކާނޭ ގޮތުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު އެއްގޮތެއްގައި ނުހިފެހެއްޓޭތީ ބޭރުގެ އެހީ އާއި ލޯނު ހީކުރި މިންވަރާ ގާތަށް ވެސް ނުލިބެ އެވެ.
މި އަހަރުގެ ތެރޭގައި ރިކޯޑު މިންވަރެއްގެ ދަރަނި ދައްކަން ޖެހޭނެކަން އެނގުނު ނަމަވެސް ރަނގަޅު ޕްލޭނެއް ނެތުމުން ކުރިމަތިވި ދަތިތަކުގެ އިތުރުން އެހެން ބޮޑު ގޮންޖެހުމަކަށްވީ އެމެރިކާ-އިރާނު ހަނގުރާމަ އެވެ.
ހަނގުރާމައިގައި އިރާނުން ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރުމުން އަދި ޔޫއޭއީ އާއި ގަތަރުގެ އެއާޕޯޓުތަކަށް ހަމަލާ ދިނުމުން ރާއްޖެއަށް އަންނަ މުދަލާއި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑަށް ދަތިވި ނަމަވެސް ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރާތީއެއް ނުފެނެއެވެ.




