ރާއްޖޭގެ މާލީ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ބާއްވައި، ބައެއް ޝަހުސިއްޔަތުންނާއި މާލީ އިދާރާތަކަށް ހާއްސަ އެވޯޑުތައް ދީފިއެވެ. މިއީ މިފަދަ އެވޯޑެއް އެމްއެމްއޭ އިން ދިން ފުރަތަމަ ފަހަރެވެ.
އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ" އެވޯޑު ދިނީ ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކޮށް، އިތުބާރު ހިފޭ، ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށެވެ.
މި އެވޯޑް މައިގަނޑު ދެ ބަޔަކަށް ބަހާލާފައިވާއިރު، އެއީ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް އަރުވާ "ސްޕެޝަލް އެވޯޑް" އާއި، ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމްއެމްއޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުމުގެ ބައެވެ.
ހާއްސަ އެވޯޑުތައް
މާލީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވި ފަރާތްތަކަށް އެރުވި ހާއްސަ އެވޯޑު ލިބުނު ފަރާތްތައް:
- ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ވަރުގަދަ މާލީ ނިޒާމެއްގެ ބިންގާ އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށް
- އަލްމަރްހޫމް އިސްމާޢީލް ފަތުހީ: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ވިޔަފާރި ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރެއްވި ޚިދުމަތަށް
- އިލްޔާސް އިބްރާހީމް އަދި އިބްރާހީމް ޝަފީގު: ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑު އިންޝުއަރެންސް އުފައްދަވައި، އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށް ކުރެއްވި މަސައްކަތަށް
- ކުރީގެ ގަވަރުނަރު ޑރ.އަޒީމާ އާދަމް: "ރަންދިހަފަހެއް" ނޫޓު ސީރީޒް ތައާރަފުކުރައްވައި، ރާއްޖޭގެ ފައިސާ ޕޮލިމާ ނޫޓުތަކަށް ބަދަލުކޮށް، ސަލާމަތީ ގޮތުން ވަރުގަދަ ޒަމާނީ ފައިސާގެ ނިޒާމެއް ގެނެސްދެއްވުމުގައި އަދާކުރެއްވި މޭސްތިރިއެއްގެ ދައުރަށް
- ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި): ރާއްޖެއަށް ބޭންކިން ހިދުމަތް ތައާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި މުހިންމު ދައުރާއި ވެދީފައިވާ ދިގު މުއްދަތުގެ ހިދުމަތަށް
ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުން
އެމްއެމްއޭ އުފެދުނީއްސުރެ މަރުކަޒީ ބޭންކުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްޕުޅު ކުރެއްވި ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންނަށްވެސް މި ރަސްމިއްޔާތުގައި އެވޯޑް އަރުވާފައިވެއެވެ.
އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ގަވަރުނަރުން:
- ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް (1981-2004)
- މުހައްމަދު ޖަލީލް (ގަވަރުނަރުކަން: 2004-2005 / ޑެޕިއުޓީ ގަވަރުނަރުކަން: 2000-2004)
- ގާސިމް އިބްރާހީމް (2005-2007)
- އަބްދުﷲ ޖިހާދު (ގަވަރުނަރުކަން: 2007-2008 / ޑެޕިއުޓީ ގަވަރުނަރުކަން: 2005-2007)
- ޑރ. ފަޒީލް ނަޖީބް (2008-2013)
- ޑރ. އަޒީމާ އާދަމް (2014-2017)
- އަހުމަދު ނަސީރު (2017-2019)
- އަލީ ހާޝިމް (2019-2024)
.
އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ގަވަރުނަރުން:
- އަލްމަރްޙޫމް އިސްމާޢީލް ފަތުހީ (1981-1993)
- އާރިފް ހިލްމީ (1993-2000)
.
މި ބޭފުޅުންގެ އިރުޝާދުގެ ދަށުން ވިޔަފާރި ބޭންކިންގ ފުޅާވުމާއި، އިންޝުއަރެންސް ދާއިރާ ތަރައްގީވުމާއި، ފައިސާ ދެއްކުމުގެ ނިޒާމު ޒަމާނީވުމުގެ އިތުރުން، މާލީ ގަވާއިދުތައް ހަރުދަނާވެ، ފައިސާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުމުގައި ރާއްޖޭގެ މާލީ ތާރީހުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި އެވޯޑުތަކުގެ އިތުރުން މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ދާއިރާތަކުން އެހެން ފަރާތްތަކަށް ވެސް އެވޯޑުތައް ދިނެވެ.
- މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެކަށީގެންވާ މިންވަރަށް މާލީ ހިދުމަތްތައް ނުލިބޭ ފަރުދުންނާއި މުޖުތަމައުތަކަށް އެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ ހާއްސަ އެވޯޑު، "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު: މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)
- ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ޓެކްނޮލޮޖީއާއި ޑިޖިޓަލް ޕޭމަންޓް ނިޒާމުތައް ކުރިއެރުވުމަށް ކުރާ މަސައްކަތް ފާހަގަކޮށް، އެމްއެމްއޭއިން ދޭ "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" އެވޯޑް: ފަހިޕޭ
- ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ދޭ 'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
- ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް: ބީއެމްއެލް