
އަމްޖަދު 2020 ވަނަ އަހަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ޒިންމާދާރުކަމާ އެކު މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވީ އެ މަގާމަށް އައްޔަނުކުރިތާ ހަތަރު ވަރަކަށް މަސްފަހުންނެވެ.
އަމްޖަދު މިފަހަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ލިޔުން އަމްޖަދުއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަމްޖަދު ވަނީ ޝަރީޢާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައެވެ. އަމްޖަދުއަކީ ޤާނޫނީ ދާއިރާއިންނާއި އާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ އިތުރުން އަމްޖަދު ވަނީ ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމާއި، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް އޭނާ ކުރެއްވިއެވެ.
އަމްޖަދު އެންމެފަހުން ހުންނެވީ ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސްވެރިޔާގެ ގޮތުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެމްބަރު 2024ގައި މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ހުސްކޮށް އޮތްތާ 5 މަސް ފަހުންނެވެ. އަމްޖަދު އެ މަގާމާ 2025 ފެބްރުއަރީ 19 ގައި ހަވާލުވެވަޑައިގަތުމަށްފަހު، "އަމިއްލަ ސަބަބުތަކާހުރެ" އިސްތިއުފާ ދެއްވީ 2026 އެޕްރީލް 20 ގައެވެ.




