
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބްރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު މަހީރާ މުހައްމަދު ވަކިކުރުމުންނެވެ. 15 އެޕްރީލް 2022 ގައި މަގާމަށް އައްޔަނުކުރި މަހީރާ އެ މަގާމުން ފާއިތުވި ޖުލައިމަހުގެ ފަހުކޮޅުއެވެ. މަހީރާ މަގާމުން ވަކިކުރީ ޓްރައިބިއުނަލްގެ ރައީސްކަމަށް 21 ޖުލައި ގައި އަމްޖަދު މުސްތަފާ އައްޔަނުކުރުމަށްފަހު އެވެ.
މަމްދޫހު ޓްރައިބިއުނަލްގެ ނައިބްރައީސް ކަމަށް އައްޔަނުކުރުމުގެ ރަސްމިއްޔާތު މިއަދު ރައީސް އޮފީހުގައި ބޭއްވިއިރު، މަމްދޫހަށް މަގާމު ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.
މަމްދޫހަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާއިޝާ ޝުޖޫން އެވެ.
ސްރީލަންކާގެ ޔުނިވާސިޓީ އޮފް ކެލަނިޔާއިން ބެޗްލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައިވާ މަމްދޫހު ވަނީ މީގެކުރިން އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަމާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރައްވާފައެވެ.
މަމްދޫހު އެންމެ ފަހުން ހުންނެވީ މާލެ ސިޓީ ކައުންސިލް އިން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކުގެ ކޮންސަލްޓަންޓެއް ގޮތުގަ އެވެ. އޭނާ މާލެ ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓެއް ގޮތުގައި މަސައްކަތްކުރަން ފެށީ މުއިއްޒުގެ މޭޔަރުކަމުގައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މުސްތަފާ އާއި ނައިބްރައީސް އަހްމަދު މަމްދޫހުގެ އިތުރުން، އެތަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ މަރްޔަމް ރިޝްފާ، ހިކުމާ އަހްމަދު ނިޒާރު ސައުސަން އަލީ، އިޝާރާ އަބްދުލްއަޒީޒް، ފާތިމަތު ސައުސަން އަދި ހަސަން އިބްރާހިމް އެވެ.




