
އިލެކްޝަންސް ކޮމިޝަނުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީ 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރީ ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަނޭޅުމުންކަމަށެވެ.
އެމްޑީޕީން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓު ވެސް ހުށަހެޅީ ކަނޑައަޅާފައި އޮތް މުއްދަތަށްވުރެ ފަހުން ކަމަށާ، މީގެ އިތުރުން އެމްއެންޕީ އާއި އަދާލަތު ޕާޓީން އަދިވެސް އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަނުން ބުންޏެވެ.
މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ހުށަހަޅަން އިލެކްޝަނުން ސިޔާސީ ޕާޓީތަކަށް މުއްދަތު ދިނީ މެއި 20، ގެ ނިޔަލަށް ކަމަށްވާއިރު، އެ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓްތައް ހުށަހަޅާފައިވަނީ ހަތަރު ޕާޓީއަކުން ކަން ފާހަގަކޮށްލެވެއެވެ. އެއީ ޕީއެންއެފް އާއި ޖޭޕީ އަދި އެމްޑީއޭ އާއި ޕީއެންސީ އިންނެވެ.
އެ ކޮމިޝަންގެ އޮޑިޓު ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ޕާޓީ އެމްޑީޕީ އަދި ޕީއެންސީން ކަން ފާހަގަކޮށްލެވެއެވެ.




