މުހައްމަދު ޝަކީލު، އޭނާ ވަނީ ޕީއެންސީގެ މަގާމުތަކެއް ފުރުއްވާފައި.-- ފޮޓޯ: މަޖިލިސް
އީސީއަށް އެންމެ ފަހުން އައްޔަނުކުރި ޝަކީލު އެ ކޮމިޝަނުގެ ރައީސް ކަމަށް
ޖުނާން އަޙުމަދު 29 ޖޫން 2026 (ހޯމަ)   10:14
އިލެކްޝަންސް ކޮމިޝަނަށް އެންމެފަހުން އައްޔަނުކުރި މެންބަރު މުޙައްމަދު ޝަކީލު، އެ ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ކުރިން ބުނެފައި އޮތް ގޮތުން އެ ކޮމިޝަނުގެ ރައީސަކު ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި ސަރުކާރުން 2024 ވަނަ އަހަރު ގާނޫނަށް ބަދަލު ގެނައުމަށްފަހު ކަނޑައެޅީ އެ ކޮމިޝަންގެ ރައީސާއި ނައިބްރައީސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އޭގެފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ، ޝަކީލު އީސީގެ ރައީސް ކަމަށް އައްޔަނުކުރައްވައި ރައީސް މުއިއްޒު ފޮނުއްވި ސިޓީ އިއުލާން ކޮށްފައެވެ. އެއަށްފަހު ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

މިމަހުގެ 24 ވަނަ ދުވަހު އީސީގެ މެންބަރުކަމަށް އައްޔަނުކުރި ޝަކީލަކީ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރެޖިސްޓްރާގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ ދުވަސްވަރުން ފެށިގެން، އީސީ މެންބަރުކަމަށް އައްޔަނުކުރުމާ ހަމައަށް ހުންނެވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. 

ޝަކީލު ވަނީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފަ އެވެ. އޭނާ އެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2014، އިން މެއި 2018، އަށެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. ޒާހިދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ޝަކީލެވެ.

އިލެކްޝަންސް ކޮމިޝަނަކީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ މިނިވަން މުއައްސަސާ އެވެ. އެ މުއައްސަސާގެ ރައީސްގެ މަގާމަށް ރައީސް މުއިއްޒު އައްޔަނުކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ޝަކީލު ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުގެ އިތުރުން އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ.

އޭނާ އަކީ ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ރައީސް މުއިއްޒަށް ސަނާ ކިޔައި، ސަރުކާރާ ދެކޮޅަށް ބަސްބުނާ ފަރާތްތަކަށާއި އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ބޭފުޅެކެވެ.

މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުމާއެކު، ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ޕީއެންސީގެ އެކްޓިވިސްޓުން، އައްޔަނުކުރަމުންދާތީ އެކަމާ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރެއެވެ.

ކޮމެންޓް