ޝަކީލު އީސީއަށް އައްޔަނުކުރިކަމުގެ ލިޔުން ހަވާލުކުރަނީ.- ފޮޓޯ: ރައީސް އޮފީސް
އީސީ ރައީސަކަށް ޝަކީލު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ޖުނާން އަޙުމަދު 30 ޖޫން 2026 (އަންގާރަ)   14:30
އިލެކްޝަންސް ކޮމިޝަނަށް އެންމެފަހުން އައްޔަނުކުރި މެންބަރު މުޙައްމަދު ޝަކީލު، އެ ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ކުރިން ބުނެފައި އޮތް ގޮތުން އެ ކޮމިޝަނުގެ ރައީސަކު ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި ސަރުކާރުން 2024 ވަނަ އަހަރު ގާނޫނަށް ބަދަލު ގެނައުމަށްފަހު ކަނޑައެޅީ އެ ކޮމިޝަންގެ ރައީސާއި ނައިބްރައީސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އޭގެފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށެވެ.

ޕީއެންސީގެ ރެޖިސްޓަރ ކަމުގައާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ޝަކީލު އީސީ މެންބަރު ކަމަށް އައްޔަނުކުރީ މި ހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.  އޭނާ އެ ކޮމިޝަންގެ ރައީސަކަށް އައްޔަނުކުރުމަށް ރައީސް މުއިއްޒު ހުށަހެޅުއްވީ އިއްޔެ (29 ޖޫން) އެވެ. 

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޝަކީލު އެ މަގާމަށް އައްޔަނުކުރުމާ ގުޅޭގޮތުން ނެގި ވޯޓުގައި، އޭނާ އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވި އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. 

ޝަކީލު ވަނީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފަ އެވެ. އޭނާ އެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2014، އިން މެއި 2018، އަށެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. ޒާހިދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ޝަކީލެވެ.

އިލެކްޝަންސް ކޮމިޝަނަކީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ މިނިވަން މުއައްސަސާ އެވެ. އެ މުއައްސަސާގެ ރައީސްގެ މަގާމަށް ރައީސް މުއިއްޒު އައްޔަނުކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ޝަކީލު ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުގެ އިތުރުން އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ.

އޭނާ އަކީ ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ރައީސް މުއިއްޒަށް ސަނާ ކިޔައި، ސަރުކާރާ ދެކޮޅަށް ބަސްބުނާ ފަރާތްތަކަށާއި އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ބޭފުޅެކެވެ.

މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުމާއެކު، ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ޕީއެންސީގެ އެކްޓިވިސްޓުން، އައްޔަނުކުރަމުންދާތީ އެކަމާ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރެއެވެ.

ކޮމެންޓް