އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު ޢާހިދު ރަޝީދު
އާހިދު ވިދާޅުވީ މަގާމުގެ ޒިންމާ އަދާކުރަނީ އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާއެކު ކަމަށް
މަރްޔަމް މުޙައްމަދު 27 ޖުލައި 2026 (ހޯމަ)   10:01
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު ކަމަށް ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އާހިދު މިމޭރުމުން ވާހަކަ ދެއްކެވީ، އިއްޔެ ފާހަގަކުރި ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އިންފޮމޭޝަން ކޮމިޝަނަރަށް ނިސްބަތްކުރައްވާ ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ސުވާލު ކުރުމުން އެ މީޑިއާތަކަށް ދެއްވި މައުލޫމާތުގައެވެ.  

ރައީސް މުއިއްޒު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނަށް ބޯލަނބާތޯ ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަރ މަސައްކަތް ކުރަނީ އިދިކޮޅު އެމްޑީޕީގެ އޯޑަރަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ގާނޫނުގައި ބުނާ ކަންކަން ސަރުކާރުން ތަންފީޒުނުކުރާ ނަމަ އެ ގޮތަށް އޯޑަރު ލިބޭ މީހަކަށް، ސަރުކާރުން އެ ގާނޫނާ އެއްގޮތަށް މައުލޫމާތު ހާމަކުރިޔެކޭ ނުބުނާނެ ކަމަށެވެ.

"އިންފޮމޭޝަން ކޮމިޝަން ހިންގަވަން ހުރީ އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި ބޭފުޅެއް. ގައިމު ނުކުރައްވާނެ ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު މި ކަހަލަ އިއުލާނެއް މިކަން އަޅުގަނޑުމެން ތަންފީޒުނުކުރާނަމަ،" މުއިއްޒު ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވެފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހޭދަކުރި ދުވަސްވަރުގައި އެއްވެސް ފަރާތެއްގެ އޯޑަރެއް ނުވަތަ ތުރެޓެއް ވެސް އައިސްފައި ނުވާ ކަމަށެވެ.

"އަހަންނަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނޫނީ އެއްވެސް ފަރާތެއްގެ ތުރެޓެއްވެސް ނެތް އައިސްފައި. އޯޑާއެއް ނުވެސް ކުރޭ. ވަރަށް ގިނަ ފަރާތްތަކަށް އެނގޭނެ އަހަރެން މިއީ ކާކު ކަމާއި ކިހިނެއްކަން ވޯކްކުރަނީ. އެހެންވެ ކަންނޭނގޭ މިހާތަނަށް އައިރު އެކަހަލަ އެއްޗެއް ބުނެފައި ނެތީވެސް. އޯޑާއެއް ނޫނިއްޔާ ނުފޫޒެއް ނޫނީ ތުރެޓެއް ނުކޮށް އޮތީވެސް،" 'އަދަދު' ނޫހަށް ދެއްވި މައުލޫމާތުގައި އާހިދު ވިދާޅުވެފައި ވެއެވެ.

އާހިދު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހޭދަކުރި ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާނީ އެއްވެސް ފަރާތަކަށް ބުރަނުވެ، ހަމަހަމަކަން ގާއިމުކުރުމަކީ އެންމެ ބޮޑު އަސާސްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

"އަހަރެން މަގާމަށް ހޮވުނީއްސުރެ މިއަދާ ހަމައަށް ޖެހެންދެން މި ހުންނީ މިނިވަން މުސްތަގިއްލު މަގާމެއްގައިތާ، އެހެންވީމަ މިނިވަންކަމާ އެއްކޮށް ނިއުޓްރަލިޓީއާއެއްކޮށް އެއީ އަހަރެން ހުރިހާ ވޯކެއް ކުރިއިރު އެންމެ ބޮޑު އެއް އަސާސެއް ގޮތުގައި ބެލި ކަންތައް އެއީ،" އާހިދު ވިދާޅުވެފައި ވެއެވެ. "އެހެންވީމަ އިދިކޮޅޭ ބުނީމަ އެއީ އަސާސާ ހިލާފު މީހެއް ގޮތަށް ގަބޫލުކުރެވޭތީތޯ ބުނެފައި އިނީ. އެ ހުރިހާ ސުވާލުތަކެއް އުފެދޭ. އަދި އޭގެ ތަފްސީލެއް ނުލިބޭތީ މިހާރު އިތުރު ސުވާލުތަކެއްގެ ތެރޭގައި މިހިރީ."

ރައީސް މުއިއްޒު، އާހިދަށް މި ތުހުމަތު އަމާޒުކުރެއްވިއިރު، އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނަވައިގެން އާހިދު ވަނީ އާރުޓީއައި ގާނޫނާ ހިލާފުވެގެން ރައީސް އޮފީސް ޖޫރިމަނާކޮށް، ރައީސް އޮފީހުން ހިފަހައްޓައިގެން އުޅޭ ގިނަ މައުލޫމާތުތަކެއް ދޭން އަންގާފަ އެވެ. ރައީސް އޮފީހުން ވަނީ މީގެ ގިނަ އެންގުންތަކަށް ވެސް ބޯލަނބަން ދެކޮޅު ހަދާފައެވެ.

ކޮމެންޓް