
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު، އިންފޮމޭޝަން ކޮމިޝަނަރު އާހިދުއާ ގުޅޭގޮތުން މިފަދަ ވާހަކައެއް ދެއްކެވީ، މި ސަރުކާރަކީ ވޭތުވި އެއްވެސް ސަރުކާރެއްގައި ހާމަނުކުރާ ވަރަށް މައުލޫމާތު ހާމަކުރާ ދެ ފުށް ފެންނަ ސަރުކާރެއް ކަމަށް ވިދާޅުވަމުންނެވެ. މިކަމަށް ބާރުދެއްވަން މުއިއްޒު ބޭނުންކުރެއްވެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނުގައި ބުނާ ގޮތަށް އަމިއްލަ އިސްނެގުމުގައި އިދާރާތަކުން ހާމަކުރަން ލާޒިމު މައުލޫމާތު މި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ހާމަކުރިކަން އާހިދު އިއުލާންކުރެއްވުމެވެ.
އާހިދަކީ އިދިކޮޅު ސިޔާސީ ފަރާތެކޭ ވިދާޅުވުމުގެ އިތުރުން މުއިއްޒު ވަނީ އޭނާއަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އޯޑަރު އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެ ގާނޫނުގައި ބުނާ ކަންކަން ސަރުކާރުން ތަންފީޒުނުކުރާ ނަމަ އެ ގޮތަށް އޯޑަރު ލިބޭ މީހަކަށް އެ މައުލޫމާތު ހާމަކުރިޔޭ ނުބުނާނެ ކަމަށެވެ.
"އިންފޮމޭޝަން ކޮމިޝަން ހިންގަވަން ހުރީ އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި ބޭފުޅެއް. ގައިމު ނުކުރައްވާނެ ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު މި ކަހަލަ އިއުލާނެއް މިކަން އަޅުގަނޑުމެން ތަންފީޒުނުކުރާނަމަ،" މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު، އާހިދަށް މި ތުހުމަތު އަމާޒުކުރެއްވިއިރު، އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނަވައިގެން އާހިދު ވަނީ އާރުޓީއައި ގާނޫނާ ހިލާފުވެގެން ރައީސް އޮފީސް ޖޫރިމަނާކޮށް، ރައީސް އޮފީހުން ހިފަހައްޓައިގެން އުޅޭ ގިނަ މައުލޫމާތުތަކެއް ދޭން އަންގާފައެވެ. ރައީސް އޮފީހުން ވަނީ މީގެ ގިނަ އެންގުންތަކަށް ވެސް ބޯލަނބަން ދެކޮޅު ހަދާފައެވެ.
އެންމެފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު އަހަރީ ރިޕޯޓުގައި ވެސް ވަނީ އެންމެ ގިނަ ޝަކުވާ ހުށަހެޅީ ރައީސް އޮފީހާ ދެކޮޅަށް ކަމަށެވެ. އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެކަނި ރައީސް އޮފީހުގެ 64 މައްސަލަ ބަލާފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.




