ފީފާގެ ރައީސް ޖިއާނި އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް އެލެކްސަންޑާ ކެފެރިން.-- ފޮޓޯ: ގެޓީ އިމޭޖަސް
ފީފާގެ ޕްލޭން ފާސްކޮށްފިނަމަ ޔޫއެފާއިން ވޯލްޑްކަޕް ބޮއިކޮޓް ކުރަން ނިންމައިފި
އަބްދުﷲ އިބްރާހީމް 31 ޖުލައި 2026 (ހުކުރު)   06:54
ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ތިން ވަނަ ފަރާތެއްގެ ބައިވެރިވުމާ އެކު ފީފާ އިން ފަށަން ނިންމާފައިވާ، ފީފާގެ މުބާރާތްތައް ޕްރައިވަޓައިޒްކޮށް ކޮމާޝަލްކުރުމަށް ވިއްކާލުމުގެ ޕްލޭނާ އެއްގޮތަށް ކަންކަން ކޮށްފިނަމަ، ޔޫރަޕްގެ ގައުމުތަކުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޮއިކޮޓް ކުރަން ނިންމައިފި އެވެ.

އެފްއެފްއީގެ ކަންކަން ކުރިއަށް ހިނގައިގަތުމަށްޓަކައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ މެމްބަރު 211 ގައުމުގެ އަގުލަބިއްޔަތު ވޯޓާއެކު ފާސްކުރަން ޖެހެއެވެ. އަދި، އެ ގޮތަށް ފާސްވެއްޖެނަމަ، ފީފާގެ ދަށުން ހިންގާ ހުރިހާ މުބާރާތެއް، ވޯލްޑް ކަޕް ހިމެނޭހެން، ކުރިއަށްގެންދިއުމުގައި މާލީ ނަފާ ހޯދުމުގެ ފުރުސަތު އެފްއެފްއީއާ އެކު އަންނަ އިންވެސްޓަރުންނަށް ލިބޭނެއެވެ.

ޖުމްލަ އެކު، 20 ބިލިއަން ޑޮލަރުގެ އެފްއެފްއީ އިންވެސްޓްމަންޓް ޕްލޭނަކީ، ފީފާގެ ރައީސް ޖިއާނި އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތުހުމަތުކުރެ އެވެ. އެއީ، ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ޕްރޮޕޯސަލް ފާސްކުރުމަށްޓަކައި، ފީފާއާ އެއްކޮޅަށް ވޯޓު ދޭ ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް 40 މިލިޔަން ޑޮލަރު ދޭން ވެސް ތައްޔާރެވެ. އަދި، ވަކި ގޮތެއް ނިންމަން ކޮންމެ މެމްބަރު ގައުމަކަށް ސެޕްޓެމްބަރު 19 ގެ ނިޔަލަށް މުއްދަތެއް ފީފާ އިން ވަނީ ކަނޑައަޅާފައެވެ. މި ޕްރޮޕޯސަލް އިސްތިހާރު ކުރުމަށްޓަކައި، ފީފާގެ މީޑިއާ ޗެނަލް މެދުވެރިކޮށް، އިންފަންޓީނޯ ވަނީ، އެފްއެފްއީގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. މިއީ ފުޓްބޯޅަ އަށް މިހާރު ނުލިބި އޮތް ނަފާ ހޯދުމަށްޓަކައި، ދެން އޮތް ހަރުފަތަށް ދާން އަޅާ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފީފާގެ މި ވާހަކަތަކާ އެކު، ޔުއެފާގެ މެންބަރު ގައުމުތަކުން ވަނީ، އިމަޖެންސީ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވާފައެވެ. އެ ބައްދަލުވުމަށް ފަހު، ޔުއެފާގެ 55 ގައުމު ތަމްސީލްކުރާ ގޮތަށް، ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުރިހާ ގައުމެއް ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

"ޔުއެފާގެ ހުރިހާ ގައުމެއް މި ތިބީ އެކުގައި، ފީފާ އިން ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ ހުރިހާ މުބާރާތެއްގެ ރައިޓްސް ދިނުމާ ދެކޮޅަށް ތެދުވެ. ވޯލްޑް ކަޕަކީ އިންވެސްޓްމަންޓް ޕްރޮޑަކްޓެއްގެ ގޮތުގައި އަމަލެއް ނުކުރެވޭނެ. އެއީ ފުޓްބޯޅައިގެ އެންމެ ބޮޑު ލެގަސީތައް ޝާމިލުވާ ކަމެއް. އެއީ، އެތައް ޖީލެއްގެ ބައިވެރިވުމާ އެކު، ކުޅުންތެރިންނާއި ގައުމީ ޓީމުތަކުންނާއި ސަޕޯޓަރުން އެކުވެގެން ބިނާކުރި އެއްޗެއް. އޭގެ އެއްވެސް އެއްޗެއް އިންވެސްޓަރުންނަށް ވިޔަފާރި ކުރެވިގެން ނުވާނެ،" ޔުއެފާގެ ބަޔާނުގައި ވެއެވެ.

ޔުއެފާ އިން ބުނީ، ފީފާގައި ތިބި ވަކި ބައެއް އަމިއްލަ މަންފާ ހޯދުމަށްޓަކައި، ފުޓްބޯޅަ އަށް މިކަހަލަ ބަދަލު ގެންނަން ހުށަހެޅުން ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.

ޔޫއެފާގެ ބޮއިކޮޓްގައި ފީފާގެ ހުރިހާ މުބާރާތްތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި ފިރިހެން އަދި އަންހެން ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕް ހިމެނެއެވެ. މި ބޮއިކޮޓް އަމަލީ ގޮތުން ފަށާނީ ފީފާގެ ރައީސް އިންފަންޓީނޯގެ ހުށަހެޅުންތައް ފީފާގެ މެންބަރު އެސޯސިއޭޝަންތަކުން ފާސްކޮށްފިނަމައެވެ.

އަދި ކޮންކާކަފް، އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އަދި އެފްރިކާގެ ފުޓްބޯޅަ އިދާރާ (ސީއޭއެފް) އިންވެސް ވަނީ މެންބަރުންނާ ފުރިހަމައަށް މަޝްވަރާކުރުމެއް ނެތި ސިއްރިއްޔާތުގައި މިފަދަ ބޮޑު ނިންމުމެއް ނިންމަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފީފާގެ ރައީސް އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޓްރަމްޕާ ދެމެދުގައި އޮތް ގުޅުމުގެ ގެއްލުން ފުޓްބޯޅަ އަށް ވަރަށް ބޮޑަށް އެބައޮތް ކަމަށް ފީފާގެ ކުރީގެ ރައީސް، ސެޕް ބްލެޓާވެސް ވަނީ ވިދާޅުވެފައެވެ. 17 އަހަރު ފީފާގެ ރައީސްކަން ކުރެއްވި ބްލެޓާ މި ގޮތަށް ވިދާޅުވީ، އޭނާ އަށް ފަހު، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯގެ ލީޑަޝިޕުން މިހާރު ކުރަން ނިންމާފައި އޮތް ޕްރައިވެޓް އިންވެސްޓްމެންޓާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓް