ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވޯލްޑްކަޕްގެ ޓްރޮފީއާއެކު.--
ވޯލްޑްކަޕްގެ ހިއްސާވިއްކުމުގެ ޕްލޭން އިންފަންޓީނޯ ހުއްޓާލައިފި
އަބްދުﷲ އިބްރާހީމް 1 އޯގަސްޓް 2026 (ހޮނިހިރު)   08:39
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ތެރެއިންނާއި، ޔޫރަޕްގެ ގައުމުތަކުން ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން ކުރިމަތިވި ބޮޑު ފާޑުކިޔުންތަކާ ހެދި، ވޯލްޑްކަޕްގެ ހިއްސާ ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހެޅުއްވި ހުށަހެޅުން އޭނާ އަނބުރާ ގެންދަވައިފިއެވެ.

އިންފަންޓީނޯ ހުށަހެޅުއްވީ ފީފާގެ ވިޔަފާރިތައް، އޭގެ ތެރޭގައި ފިރިހެން އަދި އަންހެން ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕް ހިމެނޭ ގޮތަށް 20 ބިލިޔަން ޑޮލަރުގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކޮށް، އޭގެ 20 އިންސައްތަ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށެވެ.

ނަމަވެސް އަންގާރަ ދުވަހު މިކަން އިއުލާން ކުރި ފަހުން ކޮންމެ ދުވަހަކުވެސް މިކަމަށް އޮތް ދެކޮޅުވެރިކަން ދިޔައީ އިތުރުވަމުންނެވެ.

އެންމެފަހުން ހުކުރު ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި އިންފަންޓީނޯ ވިދާޅުވީ "މި ހުށަހެޅުމާއިގެން ކުރިއަށް ނުދާނެ" ކަމަށެވެ.

"ހުރިހާ ފަރާތްތަކެއްގެ ޚިޔާލުތައް ވަރަށް ފަރުވާތެރިކަމާއެކު އެހުމަށްފަހު، މި މަޝްރޫޢުގެ ސަބަބުން އުފެދިފައިވާ ބައިބައިވުންތަކަކީ، އެކަމަށް ކިތަންމެ ބޮޑު ތާއީދެއް އޮތް ނަމަވެސް، އެންމެ ފުރަތަމަ ކަނޑައެޅި މަޤްޞަދުގެ މަޞްލަޙަތުގައެއް އޮތް ކަމެއް ނޫންކަން މިހާރު ވަނީ ސާފުވެފައި،" އޭނާ ވިދާޅުވިއެވެ.

މި ނިންމުން ބަދަލުކޮށްފައި މިވަނީ ފީފާގެ އިސް ދެ އޮފިޝަލަކު ހުކުރު ދުވަހުގެ ހެނދުނު މި ޕްލޭނަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. އޭގެ ތެރެއިން އެކަކު ރައީސްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވިއިރު، ދެވަނަ އޮފިޝަލް ވިދާޅުވީ މުވައްޒަފުންނަށް އޮޅުވާލައިގެން ކުރިއަށް ގެންދަން އުޅުނު މި މަޝްރޫއު ހުއްޓާލަން ޖެހޭ ކަމަށެވެ.

ވޯލްޑްކަޕާ ގުޅޭ ވައިޓް ހައުސް ޓާސްކް ފޯސްގައި ފީފާ ތަމްސީލުކުރެއްވި ކާލޯސް ކޯޑޭރޯ ވަނީ އިހުތިޖާޖުގެ ގޮތުން އިސްތިއުފާ ދެއްވާފައެވެ.

"ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް ފީފާއިން ވިސްނަމުންދާއިރު އަޅުގަނޑަށް ބަލަހައްޓައިގެން ނުހުރެވޭނެ،" ގޯލްޑްމަން ސެކްސްގެ ކުރީގެ ބޭންކަރެއް ކަމަށްވާ ކޯޑޭރޯ، އިންފަންޓީނޯގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. އަދި ފީފާގެ އެހެން އިސް މުވައްޒަފުންވެސް މިކަމާ ދެކޮޅަށް އަޑުއުފުލުމަށް އޭނާ ގޮވާލެއްވިއެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލަމޫރު އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި މަސްތަކުގައި މި ވިޔަފާރި ރޭވުމުގައި އިންފަންޓީނޯ ކަންކަން ސިއްރުކުރައްވައި ފީފާގެ މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ.

"މިއީ އެންމެ މީހެއްގެ މަޝްރޫއެއް،" ފީފާ އަދި ޔޫއެފާގައި އިންފަންޓީނޯއާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ލަމޫރު ވިދާޅުވެފައިވެއެވެ. "މި މަޝްރޫއު ކުރިއަށް ނުގެންދިއުމުގެ އިތުރުން... ފުޓްބޯޅައިގެ ސިޔާސީ ލީޑަރުން އަމިއްލަ ނަފްސާ ރަނގަޅު ސުވާލުތައް ކުރިމަތިކޮށް، ރަނގަޅު ނިންމުންތައް ނިންމަންޖެހޭ ވަގުތު މިވަނީ ޖެހިފައި."

ލަމޫރް އަދި ކޮރްޑޭރޯގެ މެދުވެރިވުމަށްފަހު، މި އެޅުނު ކަތި ފިޔަވަޅުގެ ސަބަބުން އިންފަންޓީނޯއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ޔޫއެފާގެ 55 މެންބަރު ގައުމުން ބުރާސްފަތި ދުވަހު ވަނީ މި ހުށަހެޅުމާ ދެކޮޅަށް ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތައް ބޮއިކޮޓް ކުރުމަށް އެއްބަސްވެފައެވެ. އެ ގައުމުތަކުން ބުނީ "ބައެއް ކަންކަމަކީ ވިއްކާލެވޭ ވަރަށްވުރެ މާ މުހިންމު ކަންކަން" ކަމަށެވެ.

މީގެ އިތުރުން، ކޮންކާކަފް އަދި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ވެސް ވަނީ މި ޕްލޭނާ ދެކޮޅު ހަދާފައެވެ.

އިންފަންޓީނޯގެ ޕޭލޭނަށް އާއެނކޭ ނުވަތަ ނޫނެކޭ ބުނުމުގެ ފަހު ތާރީހަކަށް އޭނާގެ ސިޓީގައި އަންނަ ސެޕްޓެމްބަރު 19 އޮތް ނަމަވެސް ބޮޑު ތިން ފެޑެރޭޝަނުން ދެކޮޅުވުމުން އެންމެ ފަހުން އެ ރޭވުން އަނބުރާ ގެންދެވިކަން ރޭ އިއުލާން ކުރެއްވީ އެވެ.

"ކުރިއަށް އޮތް ދުވަސްތަކާއި ހަފުތާތަކުގައި، އަހަރެމެންގެ ކުޅިވަރަށް އޮތް ޝައުގުވެރިކަމުގެ ރޫހުގައި ހުރިހާ ފަރާތްތަކެއް އަލުން އެއްގަލަކަށް އެރުވުމަކީ އަހަރެންގެ ނިޔަތެވެ. އަދި އަހަރެމެންގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ގައުމުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ފުޓުބޯޅަ ކުރިއެރުވުމަކީ އަހަރެންގެ އަމާޒެވެ،" ރޭ ނެރުނު ބަޔާނުގައި އިންފަންޓީނޯ އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓް