ޖިއާނީ އިންފަންޓީނޯ
އިންފަންޓީނޯ މައާފަށް އެދި ބުނީ ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެކަމަށް
އަބްދުﷲ އިބްރާހީމް 6 އޯގަސްޓް 2026 (ބުރާސްފަތި)   10:35
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ގޯސްތަކެއް ހެދިފައިވާ ކަމަށް އިއުތިރާފުވެ، ދުނިޔޭގެ ފުޓްބޯޅަ ކޮމިޔުނިޓީގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

ފީފާ ވޯލްޑްކަޕް މުބާރާތްތަކުގެ ވިޔާފާރީގެ ޕްރޮޖެކްޓްގެ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކަން އިއުލާން ކުރި ޕްލޭނުގައި ގޯސްތަކެއް ހެދިފައިވާކަމަށް، އިންފަންޓީނޯ ބުނެފައިވަނީ އިއްޔެ މެންބަރު ގައުމުތަކަށް ފޮނުވި ސިޓީއެއްގަ އެވެ.

އެ ޕްލޭނަށް ބައްރުތަކުގެ ކޮންފެޑެރޭޝަންތަކުން ދެކޮޅު ހެދުމުން، އިންފަންޓީނޯ ވަނީ އެ ޕްލޭން އަނބުރައި ގެންގޮސްފަ އެވެ. ނަމަވެސް އޭނާ އަށް އޮތް ޕްރެޝަރު ކުޑައެއް ނުވި އެވެ.

ފީފާގެ އިސް ހިންގުންތެރިންނާ އެކު މޮރޮކޯގައި އިންފަންޓީނޯ ވަނީ މިހާރު ފެންމަތިވެފައިވާ މައްސަލައަށް ހާއްސަކޮށް ބައްދަލުވުމެއް ބާއްވާފަ އެވެ. ގިނަ ވަގުތުތަކަށް ދެމިގެންދިޔަ އެ ބައްދަލުވުމަށް ފަހު ރޭ އާންމުކުރި އެ ސިޓީގައި އިންފަންޓީނޯގެ އިތުރުން ފީފާގެ ޖެނަރަލް ސެކްރެޓަރީ މަޓިއަސް ގްރާފްސްޓްރޮމް ވެސް ވަނީ ސޮއި ކޮށްފަ އެވެ.

"ފީފާ ފޯވަޑް އެންޓަޕްރައިޒަސް (އެފްއެފްއީ) ގާއިމުކުރުމަށް ހުށަހެޅި ޕްރޮޕޯސަލްގެ މަރުހަލާގައި ގޯސްތަކެއް ހެދިފައިވާކަން ފާހަގަކުރަމެވެ،" ސިޓީގައި ލިޔެފައި ވެއެވެ.

އިންފަންޓީނޯ ބުނިގޮތުގައި އެ ހުށަހެޅުމުގެ ތަފްސީލުތައް، ދުރާލައި ފީފާގެ މެންބަރު އެސޯސިއޭޝަންތަކަށް ފޮނުވިފައި ނުވުމަކީ ގަސްދުގައި ކުރި ކަމެއް ނޫނެވެ.

މި ޕްލޭނާ ގުޅޭގޮތުން ފީފާއިން ވަކި ކަމެއް އިއުލާން ކުރުމުގެ ކުރިން، އެފަދަ މަސައްކަތެއް އެ އިދާރާއިން ކުރަމުން ދިޔަކަމަށް، އެންމެ ފުރަތަމަ ފެންމަތިކުރީ އިނގިރޭސިވިލާތުގެ ދަ ޓައިމްސް ނޫހާއި ފައިނޭންޝިއަލް ޓައިމްސް ނޫހުންނެވެ.

"ފީފާ ކައުންސިލާއި ފީފާގެ މެންބަރު އެސޯސިއޭޝަންތައް މި މަރުހަލާއިން ބާކީވެފައިވާ ކަމުގެ އިހުސާސްކުރެވުމަކީ ގަސްދުގައި ކުރި ކަމެއް ނޫނެވެ. މިކަން ބަލަހައްޓަން ޖެހުނީ ތަފާތު ގޮތަކަށެވެ. ޕްރޮޕޯސަލް މީޑިއާއަށް ލީކުވުމަށްފަހު ވެސް ގޯސްތަކެއް ހެދިފައިވާކަން ފާހަގަކުރަމެވެ.،" އިންފަންޓީނޯގެ ސިޓީގައި ވެއެވެ.

"ހިތުގެ އަޑިން މައާފަށް އެދެމެވެ. އެކަހަލަ ކަމެއް ދެން ތަކުރާރެއް ނުވާނެ އެވެ."

ކޮމެންޓް