މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ.އަބްދުﷲ މުއްތަލިބް، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.-- ފޮޓޯ: މަޖިލިސް
ސުވާލު އެޖެންޑާކުރުން ލަސްވުމަކީ އަޅުގަނޑު ޒިންމާވާންޖެހޭ ކަމެއްނޫން: މުއްތަލިބު
ހިޝާމް ހާރޫން 3 އޯގަސްޓް 2026 (ހޯމަ)   11:27
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިނިސްޓަރާ ކުރަން ހުށަހަޅާ ސުވާލުތައް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުން ލަސްވުމަކީ ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބ. ކިހާދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހަ މަސްދުވަހުން ނިންމައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 13 އޮގަސްޓު 2025 ގައި ވިދާޅުވި ނަމަވެސް އެ މަސައްކަތް ކުރިއަށްނުދާ މައްސަލައިގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު މައުރޫފު ވިދާޅުވީ، އެ ސުވާލަކީ 8 ސެޕްޓެމްބަރު 2025 ގައި މިނިސްޓަރާ ކުރަން ހުށަހެޅުއްވި ސުވާލެއް ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ވިދާޅުވި ގޮތަށް، އެ ސުވާލަކީ ސެޕްޓެމްބަރު މަހު ކުރަން ފޮނުއްވާފައިވާ ސުވާލެއް ކަމަށެވެ.

ނަމަވެސް "ތިބޭފުޅުންގެ ސުވާލުތަކުގެ އަދަދު ގިނަވީމަ ކިއުގަ މަޖިލީހުގައި އެޖެންޑާ ކުރާ ގޮތް ލަސްވުމަކީ އެއީ އަޅުގަނޑު ޒިންމާވާންޖެހޭ ކަމެއް ނޫން،" ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިނިސްޓަރުންނާ މެންބަރުން ކުރައްވާ ސުވާލުތައް މަޖިލީހުގެ އިދާރާއަށް ލިބުމުން، މިނިސްޓަރުންނަށް 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެ ސުވާލު އެޖެންޑާ ކުރަންޖެހެއެވެ. އެހެންނަމަވެސް އެކި އެކި ސަބަބުތަކާއި އުޒުރުތަކާހުރެ މިނިސްޓަރުން މަޖިލީހަށް ވަޑައިގަތުމުގައި ވަރަށް ބޮޑަށް ލަސްވާކަން ފާހަގަކުރެވެއެވެ.

މަޖިލީހަށް މެންބަރުން ހުށަހަޅުއްވާ ސުވާލުތައް އެޖެންޑާ ނުކޮށް ދިގުލައިގެން ދާ ކަމުގެ ޝަކުވާތައް އެމްޑީޕީ މެންބަރުންގެ ފަރާތުން ކުރައްވައެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިނިސްޓަރުންނާ ކުރެއްވި ސުވާލުތަކުގެ އަދަދުތައް މިދިޔަ ހަފުތާގައި އާންމުކުރިއިރު، އެންމެ ގިނަ ސުވާލުކޮށްފައި ވަނީ ހައުސިން މިނިސްޓަރު މުއްތަލިބު އާއެވެ. ޖުމްލަ 258 ސުވާލު ހުށަހަޅާފައިވާއިރު، މުއްތަލިބަށް 56 ސުވާލުގެ ނޯޓިސް ފޮނުވާފައި ވެއެވެ.  އޭގެ ތެރެއިން 16 ސުވާލަކަށް އޭނާ ޖަވާބު ދެއްވާފައިވާއިރު 11 ސުވާލަކަށް ޖަވާބުދިނުމަށް ދިން މުއްދަތު ހަމަވެފައި ވެއެވެ. އަދި 29 ސުވާލަކަށް ޖަވާބު ދެއްވުމުގެ މުއްދަތު އޮތް ކަމަށް އެ މައުލޫމާތުން އެނގެއެވެ.

ކޮމެންޓް