މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ.އަބްދުﷲ މުއްތަލިބް، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.-- ފޮޓޯ: މަޖިލިސް
މެންބަރުންގެ ސުވާލުތައްވީ މަޝްރޫއުތައް ހުއްޓިފައި ހުރިކަމުގެ ޝަކުވާއަކަށް
ޖުނާން އަޙުމަދު 13 ޖުލައި 2026 (ހޯމަ)   11:47
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރުންގެ ދާއިރާތަކުގެ މަޝްރޫއުތައް ހުއްޓިފައި ހުރިކަމުގެ ޝަކުވާ ގިނަ މެންބަރުން ކުރައްވައިފި އެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބްއާ ތިން ސުވާލެއް ކުރުން ކުރިއަށްދިޔަ އެވެ.

މިއަދުގެ މައިގަނޑު ތިން ސުވާލު؛

  • މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ކުރެއްވި: ލ.ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާ، އަދި ނިންމާނެ ތާރީހަކީ ކޮބައިތޯ؟
  • ކެންދޫ ދާއިރާގެ މެންބަރުން މައުރޫފް ޒާކިރު ކުރެއްވި: ބ.ފުޅަދޫ އާއި ފެހެންދޫގެ ފެނާއި ނަރުދަމާ މަސައްކަތުގެ %60 ނިމިފައި ވަނިކޮށް މަސައްކަތް ނިމިފައި ވަނިކޮށް، މަސައްކަތް ހުއްޓިފައިވާތީ، އަލުން ފަށައި ނިންމޭނެ ތާރީހަކީ ކޮބައިތޯ؟
  • މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ކުރެއްވި: ލ.ހިތަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވަނީ ކީއްވެތޯ؟ ފެށޭނީ ކޮން އިރަކުންތޯ؟


މި ތިން ސުވާލަކީވެސް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ މެންބަރުން ހުށަހަޅުއްވާފައިހުރި ސުވާލުތަކެވެ.

މިއިން ކޮންމެ ސުވާލަކާ ގުޅިގެން އިތުރު ސުވާލުކުރުމުގެ ފުރުސަތު ލިބުނުއިރު، އެ ވަގުތުގައި ގިނަ މެންބަރުން ވަނީ އެ މެންބަރުންގެ ދާއިރާގެ ރަށްރަށުގައި ފަށާފައި ހުރި ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމުގެ ޝަކުވާ މުއްތަލިބަށް ހުށަހަޅާފައެވެ. އެފަދަ މަޝްރޫއުތައް ފެށޭނީ ކޮން އިރަކުންތޯ މެންބަރުން އެއްސެވިނަމަވެސް ގިނަ ސުވާލުތަކަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވައެވެ.

މިނިސްޓަރު މުއްތަލިބާ މިފަދަ ސުވާލުތައް އަމާޒުކުރެއްވި ގިނަ މެންބަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންކަން ފާހަގަކޮށްލެވެއެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި މާ އެދެވޭ ޖަވާބެއް މުއްތަލިބު ނުދެއްވި ނަމަވެސް، އޭނާ ވިދާޅުވީ ހުރިހާ ރަށެއްގައި ފަށާފައި ހުރި މަސައްކަތްތައް ވެސް ކޮންމެވެސް ސިފައެއްގައި ކުރިއަށްދާ ކަމަށެވެ. އަދި ނުފެށި ހުރި މަސައްކަތްތައްވެސް ފެށޭނެ ކަމަށެވެ.

ގިނަ ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ ބޮޑުހިލަ ނުލިބޭތީ ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

"ހުއްޓިފައި ހުރި ގިނަ ރަށްރަށުގެ މަސައްކަތް މި ވަގުތު ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިކަމާ ހެދި، ދެން އެމްޓީސީސީން އިއްޔެ ވެސް ވިދާޅުވި މި މަހުން ފެށިގެން ހިލަ ގެނައުމުގައި ފަސޭހަތަކެއް ހަމަޖެހިގެންދާ ވާހަކަ. އެހެންވީމާ ހިލަ ލިބުނުހައި އަވަހަކަށް ވަރަށް ގިނަ މަޝްރޫއުތަކެއް ނިންމައިލެވޭ ހިސާބުގައި ހުރީ،" މުއްތަލިބު ވިދާޅުވި އެވެ.

ކޮމެންޓް