
ގިނަ މެންބަރުންގެ ޝަކުވާއަކީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވާކަމުގެ ޝަކުވާއެވެ. މި ސަރުކާރުން ފަށަން ބުނި މަޝްރޫއުތައް ނުފަށާ ދިގުލައިގެންދާކަމުގެ ޝަކުވާ އެވެ.
މުއްތަލިބު ވިދާޅުވި ގޮތުން، ކުރީ ސަރުކާރުން ފެށި މަޝްރޫއު ކުރިއަށް ނުދިޔުމުގެ މައްސަލައިގެ އަސްލަކީ ކުރީ ސަރުކާރެވެ. ކުރީ ސަރުކާރުން ޕްރޮޖެކްޓް ދިން ބައެއްގެ ސަބަބުންނެވެ. ނޫނީ ކުރީ ސަރުކާރުން "ހަދާފައި އޮތް ހަޑިއަކުން" ނެވެ.
އެހެންނަމަވެސް މި ސަރުކާރުގެ ދައުރު ދެބައިވެ އިތުރުވެއްޖެ އެވެ. މުއިއްޒުގެ ވެރިކަމަށް މިހާރު އެއްހާސް ދުވަސް ވަނީ އެވެ. ކުރީ ސަރުކާރުން ހަޑިއެއް ހޭވިނަމަ ސާފު ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ހަވާލުވި މީހުންގެ ނާގާބިލުކަމުން ހެއްޔެވެ؟
މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބެއްގެ ގޮތުގައި މުއްތަލިބު އެންމެ އާންމުކޮށް ވިދާޅުވި ސަބަބަކީ "އިގްތިސާދީ ދަތި ހާލަތު" އެވެ. އެހެންނަމަވެސް އެ ހާލަތު އޮތީ ރައްޔިތުންނަށް މުހިންމުވާ މަޝްރޫއުތައް ކުރިއަށް ގެންދަންވީމައެވެ. ސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު އެ ވިދާޅުވާ ހާލަތު އޮތްހެން ހީވެސް ނުވެއެވެ. ހުއްޓުމެއްނެތި ސިއްރާއި ފައުޅުގައި ސިޔާސީ މަގާމުތައް އުފައްދައި މީހުން އައްޔަނުކުރަމުންދާއިރު އެ ވިދާޅުވާ ހާލަތު އޮތްކަން ރައީސް މުއިއްޒު ގަބޫލެއް ނުކުރައްވައެވެ. މިނިސްޓަރާއި ރައީސް އެކައްޗެއް ވިދާޅުވެ، އެއްގޮތަކަށް އަމަލު ކުރައްވަން ވެއްޖެ ނޫންތޯއެވެ.
މާލޭ ސިޓީ ކައުންސިލަށް ވެހިކަލްތަކުގެ ފީ ލިބޭ ކަމާއި އެހެންނަމަވެސް މަގުތައް އެ ކައުންސިލަށް ނުހެދޭކަން ވެސް މުއްތަލިބް ފާހަގަ ކުރެއްވިއެވެ. މިކަމުގައި އެންމެ ޝައުގުވެރިކަމަކީ އެ ސުވާލު މިނިސްޓަރަށް ކުރެއްވި މެންބަރަކީ މާލެ ސިޓީ ކައުންސިލްގެ މެންބަރުކަމުގެ ދައުރަށްފަހު މަޖިލީހަށް ހޮވިވަޑައިގަތް މެންބަރަކަށް ވުމެވެ.
އަދި މިހާރުގެ ސިޓީ ކައުންސިލަށް ކަމެއް ނުވާކަން ދެއްކެވުމުގެ ގޮތުން މެންބަރާއި މުއްތޮލިބް ގުޅިގެން އެވާހަކަ އުފެއްދެވިއިރު، މުއިއްޒު ރައީސަކަށް އިންތިހާބުވީ މާލެ ސިޓީ މޭޔަރުކަމުގައި ހުންނަވާފައެވެ. އޭރު އެ މެންބަރުވެސް މުއިއްޒު އަރިހު ހުންނެވިއެވެ. ކައުންސިލުގައި އޮތީ ޕީއެންސީގެ މެޖޯރިޓީ އެވެ.
އަމީނީމަގާ ގުޅޭގޮތުން މުއްތޮލިބް ވިދާޅުވި ވާހަކަވެސް ރައްދުވަނީ ޚުދު އެމަނިކުފާނާއި މުއިއްޒުގެ ސަރުކާރަށެވެ. އެމަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުންނެވެ. އެހެންނަމަވެސް އެމަގުގެ އެންމެ ފަހު ސެގްމަންޓް މަސައްކަތް ނުނިމެނީސް ވެރިކަން ބަދަލުވުމުން އެންމެ ފަހު ސެގްމަންޓް ކަމަށްވާ އެމަގުގެ ހުޅަނގުކޮޅުގައި ތާރުއެޅުމުގެ މަސައްކަތްކުރީ މި ސަރުކާރުންނެވެ.
އެދުވަސްވަރު އެ މަސައްކަތް ކުރިއަށް ދިޔަގޮތް ރައީސް މުއިއްޒު ނުހަނު ގާތުން ބެއްލެވިކަން ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަކާއި ޚަބަރުތައް އެހުރީ ފެންނާށެވެ.
އެހެންނަމަވެސް، އަމީނީމަގުގެ ހުޅަނގުކޮޅު ހަލާކުވެ "ފަތަފޮޅި އަކަށް ވެއްޖެ" ކަމަށް ޕީއެންސީ މެންބަރުން ވިދާޅުވުމާއެކު އެއީ ކުރީ ސަރުކާރުގެ ފެންވަރުކަމަށް މުއްތަލިބު ވިދާޅުވުމުން އެނގެނީ އިއްޔެ ހިނގިކަންތައް މިއަދު އޮޅުވައިލެއްވުމަށް މިބޭފުޅުން ކުރައްވާ މަސައްކަތެވެ.
މުއްތަލިބުގެ ގިނަ ޖަވާބުތަކަކީ ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެކެވެ. އެފަދަ ވާހަކަތައް ސިފަވަނީ އެމަނިކުފާނު ކުޅެން އަރާ ހުންނެވި ޓީމުގެ ކޮޅަށް، އާދެ! ބައިކޮޅަށް ޖެއްސެވި ގޯލުތަކެއްގެ ގޮތުގައެވެ.




