ގިނަބަޔަކު އެއްފަހަރާ ކައިވެނިކުރުމަށް ނައިޖީރިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އޭޕީ
ނައިޖީރިއާ ސަރުކާރުން 1500 ކައިވެނި އެއްފަހަރާ ކޮށްދީފި
ފިޔެސް 9 އޯގަސްޓް 2026 (އާދީއްތަ)   09:20
ނައިޖީރިއާގެ އުތުރުގައި އޮންނަ ކާނޯ ސްޓޭޓްގައި، ކުޑަ އާމްދަނީއެއް ލިބޭ މީހުންނަށް ކައިވެނީގެ ޚަރަދުތައް ހަމަޖައްސައިދިނުމަށާއި އާއިލީ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއެއްގެ ދަށުން 1،500 ކައިވެނި އެއްފަހަރާ ކޮށްދީފިއެވެ.

ކާނޯ ސްޓޭޓްގެ ގަވަރުނަރު އައްބާ ކަބީރު ޔޫސުފް އިންތިޒާމުކުރެއްވައި ސްޓޭޓްގެ ސޯޝަލް ވެލްފެއާ ޕްރޮގްރާމުން ޚަރަދުކުރި މި ހަރަކާތް މިދިޔަ ހަފުތާ ބަންދުގައި ބޭއްވިއިރު، އެ ސްޓޭޓްގެ 44 ސަރަހައްދަކުން ޖޯޑުތައް ބައިވެރިވިއެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ހުވަފަތްވެފައިވާ މީހުންނާއި، ވަރިވެފައިވާ މީހުންނާއި، އަދި ކައިވެނީގެ ޚަރަދުތައް އަމިއްލައަށް ހަމަޖެއްސުމަށް ދަތިވެފައިވާ އަންހެނުންނާއި ފިރިހެނުންނަށެވެ.

ސަރުކާރުން މި ޕްރޮގްރާމް ސިފަކުރަނީ މަދު އާމްދަނީ ލިބޭ އާއިލާތަކަށް އެހީތެރިވުމަށާއި އިޖުތިމާއީ ހަމަޖެހުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަރަކާތަކީ ގަވަރުނަރު ޔޫސުފްގެ ސަރުކާރުން މިފަދަ ބޮޑު ކައިވެނީގެ ހަފުލާއެއް އިންތިޒާމުކުރި ދެވަނަ ފަހަރެވެ.

ކާނޯ ސްޓޭޓްގެ މި ޕްރޮގްރާމާބެހޭ އިތުރު މައުލޫމާތު

ކާނޯގެ ސަރަހައްދީ ސަރުކާރުން ބުނި ގޮތުގައި، ކޮންމެ ކައިވެނިވެރި އަންހެނަކަށް ރަންގެ ގޮތުގައި 200،000 ނައިރާ (145 ޑޮލަރު) އާއި ކުދި ވިޔަފާރި ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން، ކައިވެނިކުރި ޖޯޑުތަކަށް އެނދާއި، ގޮދަޑިއާއި، ބެޑްޝީޓާއި ބާލީހުއުރައާއި ކާޕެޓްގެ އިތުރުން ގޭތެރެއަށް ބޭނުންވާނެ ސާމާނު ވެސް ދީފައިވެއެވެ.

ކައިވެނީގެ ކުރިން ހުރިހާ ދެމަފިރިންގެ ސްކްރީނިން އާއި ކައުންސެލިން ކުރިއަށް ގެންގޮސް، ދީނީ އަދި ގާނޫނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރެއެވެ.

ގަވަރުނަރު ޔޫސުފް މި ޕްރޮގްރާމް ސިފަކުރެއްވީ "ކާނޯގައި އުންމީދު އާލާކުރުމަށާއި އަބުރުވެރި އާއިލީ ދިރިއުޅުމަކަށް އެހީތެރިވުމަށް ކުރެވުނު ހިތްވަރުގަދަ އިޖުތިމާއީ މުދާހިލުވުމެއް"ގެ ގޮތުގައެވެ.

"މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ހަމައެކަނި ކައިވެނީގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ އަންހެނުންނަށް އެހީތެރިވުމަށް އެކަންޏެއް ނޫން، އޭގެ ބަދަލުގައި އާއިލާތައް ބަދަހިކުރުމަށާއި ސްޓޭޓްގައި އިޖުތިމާއީ ހަމަޖެހުން ކުރިއެރުވުމަށް،" މީޑިއާއަށް ދެއްވި މައުލޫމާތުގައި އޭނާ ވިދާޅުވިއެވެ.

ނާއުންމީދު ވެފައިތިބި ގިނަބަޔަކަށް އުންމީދު

ކައިވެނިކުރި މީހުންގެ ތެރޭގައި ދިރިއުޅުމުގައި އެކި ހާލަތު މެދުވެރިވެގެން ނާއުންމީދުވެފައިވި މީހުންވެސް ހިމެނެއެވެ. އޭގެ ތެރެއިން އެއްބަޔަކީ އަނިޔާވެރި ހަމަލާތަކުގައި އާއިލާގެ މެންބަރުން ގެއްލިފައިވާ މީހުންނެވެ.

މިފަހަރު ކައިވެނިކުރި ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއްފަރާތަކީ މިއަހަރު ކުރީކޮޅު ދިން ނުރައްކާތެރި ހަމަލާއެއްގައި އަލަތު އަނބިމީހާ އާއި 6 ދަރިން ގެއްލިފައިހުރި ހާރޫނު ބަޝީރެވެ.

ބަޝީރަށް މި ރަސްމިއްޔާތަކީ އޭނާގެ އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާއަށްފަހު، އަލުން ދިރިއުޅުން ބިނާކުރުމަށް ލިބުނު ފުރުސަތެކެވެ.

"އެ ހިތާމަވެރި ހާދިސާއަށްފަހު، އޭނާ މީހުންނާ މުއާމަލާތްކޮށް އުޅުނީ ވަރަށް މަދުން. މިއަދު އޭނާ މަޑުމަޑުން އާންމު ދިރިއުޅުމަށް އެނބުރި އެބަ އާދޭ،" މި ރަސްމިއްޔާތު ކޯޑިނޭޓްކުރި ކާނޯ ސްޓޭޓް ހިސްބާ ބޯޑުގެ ކޮމާންޑަރ ޖެނެރަލް ޝެއިޚް އަމީނު އިބްރާހީމް ދައުރަވާ މީޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވިއެވ

އިޖުތިމާއީ އިސްލާހީ ސިޔާސަތެއް

ނައިޖީރިއާގެ އެންމެ އާބާދީ ބޮޑު އަދި އިސްލާމީ ސަގާފަތުގެ މުހިންމު މަރުކަޒެއް ކަމަށްވާ ކާނޯގައި، އިގްތިސާދީ ދަތިކަން ތަހައްމަލު ކުރަމުންދާ ހުވަފަތް އަންހެނުންނާއި، ވަރިވެފައިވާ އަންހެނުންނާއި، ޒުވާން އަންހެނުންނަށް އެހީތެރިވުމުގެ ގޮތުން މިފަދަ ބޮޑު ކައިވެނީގެ ހަފުލާތައް ބާއްވާތާ އަހަރުތަކެއް ވެއްޖެއެވެ.

މި އާދަކާދަ މަގުބޫލުވެގެން ދިޔައީ ޖެހިޖެހިގެން އައި ސްޓޭޓް ސަރުކާރުތަކުގެ ދަށުންނެވެ. އެ ސަރުކާރުތަކުން ދަނީ ދެމަފިރިންނަށް ކައިވެންޏަށް ބޭނުންވާ ސާމާނާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި މަޝްރޫއު ކުރިއަށް މިދަނީ އުތުރު ނައިޖީރިއާގެ އާއިލާތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ތެރޭގައެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ޒުވާނުންނާއި ނިކަމެތި އާއިލާތަކަށް ކައިވެނިކުރުން ވަނީ އިތުރަށް ދަތިވެފައެވެ.

ޔުނިވަރސިޓީ ލެކްޗަރަރ އަދި އިޖުތިމާއީ ފުދުންތެރިކަމުގެ މާހިރެއް ކަމަށްވާ ޑރ. މޫސާ އަބްދުﷲ، މީޑިއާއަށް ދެއްވި މައުލޫމާތުގައި މި މަޝްރޫއު ސިފަކުރެއްވީ މުޖުތަމައުގައި ހުރި ބައެއް އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައެވެ.

އޭނާ ވިދާޅުވީ ކައިވެނިކުރުމަށް ހުރި އިގްތިސާދީ ހުރަސްތައް ކުޑަކޮށްދޭ ޕްރޮގްރާމްތަކުގެ ސަބަބުން، ހާއްސަކޮށް ނިކަމެތި ގްރޫޕްތަކުގެ މެދުގައި އާއިލީ ހަމަޖެހުން ގާއިމުކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. ނަމަވެސް، މިފަދަ މަސައްކަތްތަކާއެކު ފުޅާ ދާއިރާއެއްގައި އިގްތިސާދީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދަންޖެހޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ކާނޯގެ ސަރުކާރުން މި ބޮޑު ކައިވެނީގެ ޕްރޮގްރާމް ސިފަކޮށްފައިވަނީ އިގްތިސާދީ ދަތިކަން ކުޑަކުރުމަށާއި ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް އަމާޒުކޮށްގެން ހިންގާ ފުޅާ އިޖުތިމާއީ އިސްލާހީ ސިޔާސަތުތަކުގެ ބައެއްގެ ގޮތުގައެވެ. 2023 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގަތް ޔޫސުފް ވަނީ، އިޖުތިމާޢީ ފުދުންތެރިކަމުގެ ޕްރޮގްރާމްތަކަކީ އެމަނިކުފާނުގެ ސަރުކާރުގެ އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ.

ކޮމެންޓް