ފެމެލީ ކޯޓް
ފެމިލީ ކޯޓުން އެކި މައްސަލަތަކުގައި 25 މިލިއަން ރުފިޔާ ހޯދައިދީފި
ޖޫންމަހުގެ ނިޔަލަށް 1،226 ކައިވެނި ކޮށްދީފައިވާއިރު، 588 ވަރި ކޮށްދީފައިވޭ
މަރްޔަމް މުޙައްމަދު 24 ޖުލައި 2025 (ބުރާސްފަތި)   07:24
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދަރިންގެ ހަރަދާއި ކޯޓުން ނިންމި އެހެން މައްސަލަތަކުގައި 25 މިލިއަން ރުފިޔާ ފެމިލީ ކޯޓް މެދުވެރިކޮށް ހޯދައި ދީފިއެވެ.

އެ ކޯޓުން އިއްޔެ އާންމުކުރި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އެ މުއްދަތުގައި ދަރިންގެ ހަރަދާއި އިއްދައިގެ ހަރަދުގެ ގޮތުގައި 44 މިލިއަން ރުފިޔާ ސާބިތުކުރެވުނެވެ.

ނަމަވެސް، އޭގެ ތެރެއިން ކޯޓަށް އަދި ދެއްކީ 24 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ކޯޓުން ނިންމާފައި ހުރި ނިންމުމަތަކާ ގުޅިގެން ދޭން ޖެހޭ ފައިސާއެކު ޖުމްލަ 25 މިލިއަން ރުފިޔާ ވަނީ ކޯޓު މެދުވެރިކޮށް ހައްގުވެރިންނަށް ރައްދުކޮށްދީފަ އެވެ.

ފެމެލީ ކޯޓަށް މިދިޔަ ހަ މަހު 1،024 މައްސަލަ ހުށަހެޅިއިރު، 1،009 މައްސަލައެއް ވަނީ ބަލައި ނިންމައިފަ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1،226 ކައިވެންޏެއް ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 19 ކައިވެންޏަކީ ދިވެހިންނާއި ބިދޭސީން ކޮށްފައިވާ ކައިވެންޏެވެ. ރާއްޖެއިން ބޭރުގައި ކޮށްފައިވާ 113 ކައިވެންޏެއް ރަޖިސްޓްރީކޮށްދީފައިވެ އެވެ. އަދި ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި 1،580 މީހަކު ބައިވެރިވެފައިވެ އެވެ.

ފެމެލީ ކޯޓުން މި އަހަރުގެ ފުރަތަަމަ ހަ މަސްދުވަހު ވަނީ 588 ވަރި ކޮށްދީފައިވެ އެވެ.

ގެވެށި އަނިޔާއިން ރައްކާތެރިވުމާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ އަމުރުތައް ހިމެނޭ ގޮތަށް ޖުމްލަ 55 އަމުރެއް ފެމެލީ ކޯޓުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ނެރެފައިވެ އެވެ.

ފެމިލީ ކޯޓުން ބުނީ އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭ ބަޔަށް 80 މައްސަލަ ހުށަހެޅިއިރު، 69 މައްސަލައަކަށް ސުލްހަވެރި ހައްލެއް ހޯދައިދެވުނު ކަމަށެވެ.

ކޯޓަށް ހާޒިރުވުމަށް އަންގައި، މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި 5،767 އަމުރެއް ނެރެފައިވާ ކަމަށް ވެސް ފެމެލީ ކޯޓުން އާންމުކުރި ތަފާސްހިސާބުން ދައްކައެވެ. 

ކޮމެންޓް