
މިއަދު ބޭއްވި ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ނިންމާފައި ވަނީ، މި ހިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
އެކަން ފާސްކުރަން ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، އެކަމަކީ މި ދައުރުގެ އެމްޑީޕީ ކައުންސިލަރުންގެ ވަރަށް ބޮޑު ވައުދެއް ކަމަށާ، މާލޭގައި ކޮންމެ މަހަކު ވެސް އެތައް ސަތޭކަ ކައިވެންޏެއް ކުރެވެމުންދާއިރު، ހަފުލާ ބާއްވާނެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައި ކަމަށެވެ.
އަދި އެފަދަ ތަންތަން ކުއްޔަށް ހިފުމަށް އާންމުން އަތުން ބޮޑެތި ހަރަދުތަކެއް ހިންގާތީ، ސިޓީ ކައުންސިލްގެ އެ ނިންމުމަކީ އަލަށް ދިރިއުޅުމެއް ފަށާ ޒުވާން އާއިލާތަކަށް މާލީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
މި ނިންމުމަކީ މޭޔަރު އާދަމް އާޒިމްގެ އިތުރުން ބައެއް ކައުންސިލަރުންގެ ކެމްޕެއިންގެ ތެރޭގައި ޒުވާނުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެއްކަން ފާހަގަކޮށްލެވެއެވެ.
އަލަތު ކައިވެނީގެ ވަލީމާ ބާއްވަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް ހާއްސަ އުސޫލެއްގެ ދަށުން މާލޭން ހިލޭ ޖާގަ ފޯރުކޮށްދިނުމަށް ކައުންސިލުގެ ފައިނޭންސް އަދި ބަޖެޓު ކޮމިޓީ އާއި ސޯޝަލް ޖެންޑާ އަދި އެފެއާޒް ކޮމިޓީއަށް އެކަމުގެ އުސޫލު ހެދުމަށް ހަވާލުކުރަން އެންމެ އަވަހަށް އޮންނަ ކައުންސިލް ބައްދަލުވުމުގެ ކުރިން އެ އުސޫލު ހަަދައި ނިންމަން ހުށަހެޅުމަށްފަހު، އެކަން ކުރާނެ ގޮތުގެ އުސޫލެއް ހަދާ، ވީހާ ވެސް އަވަހަކަށް އެކަން ހަމަޖައްސައިދެވޭނެ ގޮތެއް ހެދުމަށް ކަމަށްވާއިރު، އެކަން ވަނީ މުޅި ކައުންސިލުގެ އަގުލަބިއްޔަތުން މިއަދު ފާސްކޮށްފައެވެ.




