މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މައި މަރުކަޒު.--
ރާއްޖެއަށް ތެޔޮ އެތެރެކުރަން އޭޑީބީން 50 މިލިޔަން ޑޮލަރުގެ ލޯނެއް
މަރްޔަމް މުޙައްމަދު 12 އޯގަސްޓް 2026 (ބުދަ)   06:38
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރުގެ ކުއްލި އެހީގެ ލޯނެއް ދިނުމަށް ނިންމައިފި އެވެ.

އޭޑީބީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކްގެ 'އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް'ގެ ދަށުން ދޫކުރާ މި ލޯނުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ޑީސަލް އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީ، މެދުކެނޑުމެއް ނެތް ގޮތެއްގައި ކަރަންޓާއި ފެނުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެހީތެރިވުން ކަމަށެވެ. 

އޭޑީބީން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 94 އިންސައްތައަކީ އިމްޕޯޓްކުރާ ތެލަށް ބަރޯސާވެގެން އުފައްދާ ހަކަތަ ކަމަށްވާއިރު، ބޯފެން އުފެއްދުމަށް ހިންގާ ޑީސެލިނޭޝަން ޕްލާންޓްތައް ހިންގުމަށް ވެސް ތެޔޮ ބޭނުންވެއެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން، ތެޔޮ ގަތުމަށް ދައުލަތުގެ ބަޖެޓަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. 

އޭޑީބީގެ މި އެހީގެ ސަބަބުން ކަރަންޓާއި ފެނުގެ އިތުރުން، ކާބޯތަކެއްޗާއި ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލުމާއި، ރަށްތަކުގެ މެދުގައި ކުރާ ދަތުރުފަތުރާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ވެސް އެހީތެރިކަން ލިބިގެންދާނެކަން އޭޑީބީން ފާހަގަކޮށްފައި ވެއެވެ. 

އޭޑީބީން މި ލޯނު ދިންއިރު، ވޯލްޑް ބޭންކުން ވެސް ވަނީ އެ ބޭންކުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ފައިސާގެ ތެރެއިން 40 މިލިޔަން ޑޮލަރުގެ ލޯނެއް ތެޔޮ އެތެރެކުރުމަށް މިދިޔަ މޭ މަހު ހަމަޖައްސައިދީފައެވެ. މިއާއެކު، ތެލުގެ ސަޕްލައިއާ ގުޅުންހުރި ހިދުމަތްތައް ދެމެހެއްޓުމަށް އެ ދެ ބޭންކު ގުޅިގެން ދޭ އެހީގެ ޖުމްލަ އަދަދު ވަނީ 90 މިލިޔަން ޑޮލަރަށް އަރާފަ އެވެ.

އޭޑީބީން ބުނެފައިވަނީ އެ ބޭންކަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ތަރައްގީއަށާއި، ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭ މުހިންމު މާލީ އިދާރާއެއް ކަމަށެވެ.

1966 ވަނަ އަހަރު އުފެއްދި އޭޑީބީގައި މިހާރު 69 މެންބަރު ގައުމު ހިމެނޭއިރު، އޭގެ ތެރެއިން 50 ގައުމަކީ މި ސަރަހައްދުގެ ގައުމުތަކެވެ. އެ ބޭންކުގެ މައިގަނޑު އަމާޒަކީ މެންބަރު ގައުމުތަކުގެ އުމްރާނީ ތަރައްގީއަށް އެހީތެރިވުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްކާތެރި މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތް ކުރުމެވެ. މިގޮތުން ރާއްޖެއަށް މި ދަނޑިވަޅުގައި ދޭ އެހީއަކީ ގައުމުގެ އަސާސީ ޚިދުމަތްތައް ހުއްޓުމެއް ނެތް ގޮތެއްގައި ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ކޮމެންޓް