
ޑޮލަރުގެ އަގު އުފުލި ވިޔަފާރިންނާއި އާންމުންނަށް ދަތި އުނދަގޫ ކުރިމަތިވުމުގެ ޝަކުވާ ބޮޑުވެ، އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި މުޒާހަރާ ކުރުމަށް ރާވާފައި ވާއިރު، އިގުތިސާދުގެ ދެފަރާތުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ގެނެސްދިން ޝޯއެއް ޕީއެސްއެމްއިން ރޭ ވަނީ ލައިވްކޮށްފައެވެ. މި ޝޯ ރާއްޖޭގެ ގިނަ ޗެނަލްތަކަކުން ހަމަ އެވަގުތު ދައްކާފައިވާއިރު އެ ޝޯ ގެނެސްދެއްވުމުގައި އެންމެ އިސްކޮށް އިންނެވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ.
މިނިސްޓަރ ސައީދުއާއެކު ތިއްބެވީ އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު އާއި އެ ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހިމް އާއި ބީއެމްއެލްގެ ހެޑް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓަޖީ މުހައްމަދު ސައީދު އާއި ލިއޯ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު އާއި ދިވެހި އިންޝުއަރެންސްގެ ޗެއާމަން އަބްދުލް ވާހިދު އަދި އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެވެ.
މި ޝޯ ކުރިއަށް ދަނިކޮށް ކުރީގެ މިނިސްޓަރު އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ނާޒުކު ހާލަތަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި، މިނިސްޓަރު ސައީދު އިސްވެ ހޯސްޓްކުރައްވާ ޕްރޮގްރާމަކަށް އެސްޓީއޯގެ އެމްޑީއާއި ޗެއާމަންގެ އިތުރުން ބީއެމްއެލް އާއި ސަރުކާރުން ބޭނުންވާ ބަޔަކު ގެނައުމުން އިގްތިސާދުގެ "ދެ ފަރާތުގެ ވާހަކަ" ނުދެއްކޭނެ ކަމަށެވެ.
"ޑޮލަރު މައްޗަށް ނުދާނެ ކަމަށް ވިދާޅުވީ ވަޒީރު، މުއިއްޒު. އަމިއްލަ ސިޔާސަތުތައް ފެއިލްވެ ޑޮލަރުގެ އަގު 22.10ރ. އަށް އެރީމަ، ޓިކްޓޮކް ހަދައިގެން ދެކޮޅު ނުޖެހޭ ވާހަކަ ދައްކާ ވަޒީރު ދެ ފަރާތުގެ ވާހަކަ ގެނެސްދިނުމަށް އެދޭނަމަ އަޅުގަނޑުމެންނަށް ވެސް ދައުވަތު ދެއްވާ. ނުވަތަ އަޅުގަނޑުމެންނާއެކު ބަހުސަށް ވަޑައިގަންނަވާ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި މިއީ ސިޔާސީވެ، ދޮގު ހަދައި ބޭކާރު ވާހަކަ ދައްކައިގެން ތިބޭވަރަށްވުރެ މާ ނާޒުކު އަދި ނުރައްކާތެރި ހާލަތެކެވެ.
"އަދި ޕީއެސްއެމްއަށް ހަދުމަކޮށްދެން ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ބޭނުންކުރެވޭ ޕްލެޓްފޯމަކަށް ތި ބޭފުޅުން ނުވުމަށް. ވަރަށް ނާޒުކު، ނުރައްކާތެރި ހާލަތަކަށް ގައުމު ވެއްޓިގެން މި ދަނީ!" ޕީއެސްއެމް ޓެގްކުރައްވައި އަމީރު ވިދާޅުވި އެވެ.




