
ސަންގު ޓީވީ އާއި އަދަދު ނޫސް ގުޅިގެން 'ޑޮލަރު ސައްލާ'ގެ ނަމުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް، އަހުމަދު ޝަރުވަސް އާދަމް ވިދާޅުވީ ރާއްޖެއިން ބޭރުން ފައިސާ ހޯދާނެ އެކި ގޮތްތައް ހުންނަ ކަމަށާއި އޭގެތެރެއިން އެއް ގޮތަކީ މާކެޓަށް ގޮސްގެން ފައިސާ ހޯދުން ކަމަށްވާއިރު އެކަން ކުރެވެނީ އެ ގައުމެއްގެ އިގުތިސާދަކަށް އިންވެސްޓަރުންގެ އިތުބާރު ހޯދޭނެ ގޮތްތަކެއް ހޯދައިގެން ކަމަށެވެ.
"މާކެޓު އެކްސެސް ބައެއްފަހަރު ގެއްލޭ، އޭގެ އެއް ސަބަބެއް މިސާލަކަށް ރޭޓިން ދެފަހަރު ދަށްވީމާ އެ އޮތީ ދެން ގާތްގަނޑަކަށް ގެއްލިފައި މާކެޓު އެކްސެސް. ދެން އޮތް ސޯސްއަކީ ބައިލެޓްރަލް ސޯސަސް، އެއީ ރާއްޖޭގެ ފޮރިން ޕޮލިސީގެ ތެރެއިން ކުރަންޖެހޭ ކަމެއް،" ސަރުވަޝް ވިދާޅުވިއެވެ.
ސަރުވަޝް ވިދާޅުވީ ބޭރު ގައުމުތަކުން ވެސް މި ސަރުކާރަށް ފައިސާއެއް މިހާތަނަށް ނުލިބެނީ ހާރިޖީ ސިޔާސަތު ފެއިލްވުމުން ކަމަށާއި މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވެސް އެކި ގައުމުތަކުގެ ނަންތަކާއެކު ބިލިއަން ފައިސާ ލިބޭނެ ކަމަށް ޖަހާފައިވާ ކަމަށެވެ.
"އޭޕްރީލް އައިއިރު ނުލިބޭނީ ފެއިލްވީމަ ނޫންތޯ،" އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ބޭރުގެ މާލީ އިދާރާތަކުން ވެސް ފައިސާ ހޯދިދާނެ ކަމަށާއި ނަމަވެސް އެ ތަންތަނުން ފައިސާ ހޯދާނަމަ އެ އިދާރާތަކުން ގަބޫލުކުރާ ވަރުގެ ރިފޯމް ފިޔަވަޅުތަކެއް އަޅަންޖެހޭއިރު އޭގެއިން ކަމެއް ވެސް މި ސަރުކާރުން ކުރަމުންދާތަން ނުފެންނަ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މާލީ އިދާރާތަކާ އޮތް ގުޅުން ވެސް ހީނަރުވެ އެ ބޭފުޅުންނާ ވެސް ވާހަކަނުދައްކާ ހަމަ އެ ބޭފުޅުންނާ އެއްވެސް ޑައިލޮގެއް ނުބާއްވާ ދިޔަތަން. ބައިލެޓްރަލީ ވެސް ހަމަ ގައުމުތަކާ ގުޅުން ގޯސްވެ އެ ބޭފުޅުންގެ ފަރާތުން މަޝްރޫއުތަކަށް ވެސް ފައިސާ ނުލިބޭ އަދި ބަޖެޓު ސަޕޯޓަށް ވެސް ފައިސާ ނުލިބޭތަން ފެނިގެންދިޔައީ،" ސަރުވަޝް ވިދާޅުވިއެވެ.
ސަރުވަޝް ވަނީ މި ސަރުކާރަށް ބޭރުން ފައިސާ ހޯދޭނެ އެއްވެސް ދޮރެއް ނެތް ކަމަށާއި މިހާރު އޮތް ގޮތަކީ އަތުގައި ހުރި އެއްޗަކުން ދަރަނި ދެއްކުން ކަމަށްވާއިރު އޭގެ ސަބަބުން ރިޒާވަށް ހީނަރުކަން އަންނާނެ ކަމަށް ވިދާޅުވެފައެވެ.
މި ޕެނަލްޑިސްކަޝަންގައި ސަރުވަޝްގެ އިތުރުން ބައިވެރިވެވަޑައިގަތީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު އާއި ޕަބްލިކް ފިނޭންސް އެނަލިސްޓް އިސްމާއީލް ޒަރިޔަންދު އެވެ.




