ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަބްދުލް ލަތީފް އަހުމަދު އައްޔަން ކުރައްވާ ރައީސް މުއިއްޒު ފަތްކޮޅު އަރުވަނީ
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލިގޮތަކަށް ވަކިކޮށްފި
ލަތީފް ކުއްލިގޮތަކަށް މަގާމުން ވަކިކުރައްވާފައި ވާއިރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފައިރޫޝް ވެސް ކުއްލި ގޮތަކަށް މިއަދު އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައި
ހިޝާމް ހާރޫން 13 އޯގަސްޓް 2026 (ބުރާސްފަތި)   17:46
ޔޫތު މިނސްޓްރީ (ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާ) ގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ލަތީފް އަހުމަދު އެ މަގާމުން ކުއްލި ގޮތަކަށް ވަކިކޮށްފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކްލެމެންސީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ލަތީފް ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރައްވާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ރައީސް މުއިއްޒު ހަވާލުކުރެއްވި މަގާމުން ލަތީފް ކުއްލިގޮތަކަށް ވަކިކުރެއްވިކަން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިއަދު ކަށަވަރުކޮށްދެއްވާ އޭނާ ވިދާޅުވީ، އޭނާ މަގާމުން ވަކިކުރިކަން އަންގާފައިވަނީ އިއްޔެ ރައީސް އޮފީހުން ފޮނުވި ސިޓީއަކުން ކަމަށެވެ.

އަދި އެ ސިޓީ ފޮނުވީ ކުރިއާލައި އެއްވެސް އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ކަމަށާ، އޭނާ އެ މަގާމުން ވަކިކުރެއްވީ ސިޔާސީ މަގާމުތައް މަދުކުރެއްވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ރައީސް އޮފީހުން ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވެފައި ވެއެވެ. 

އެހެން އެކަން ދިމާވާންޖެހުނު އިތުރު ސަބަބެއް ސާފުނުވާކަމަށް ވިދާޅުވެ ލަތީފް ވިދާޅުވީ، އަދާކުރައްވަމުން ގެންދެވި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައި ވާނީ، އިހުލާސްތެރިކަމާއެކު ކަމަށެވެ.

ލަތީފް ކުއްލިގޮތަކަށް މަގާމުން ވަކިކުރައްވާފައި ވާއިރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވެސް ކުއްލި ގޮތަކަށް މިއަދު އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިރޫޝް ވިދާޅުވެފައި ވަނީ، އޭނާ އެ ނިންމެވުން ނިންމެވީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހުގައި ކަމަށާ، މިއީ އާންމު ހިދުމަތުގެ މި ބާބު ނިންމާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކޮމެންޓް