
ރައީސްއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް އެކަމަށް އެދޭ އާންމު ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރާ ގޮތަށް ކުރިއަށް ގެންދާ މި ބައްދަލުވުންތަކުގެ ތެރެއިން ބައެއް ބައްދަލުވުންތަކުގެ ވީޑިއޯއެއް ރޭ ވަނީ ސޯޝަލް މީޑިއާގައި ރައީސް އޮފީހުން ހިއްސާކޮށްފަ އެވެ.
އާންމުކުރި ވީޑިއޯއިން ފެންނަގޮތުގައި ނުވަ ވަރަކަށް މީހުން، ރައީސްގެ އަރިހަށް ގޮސް އެމީހުންގެ ޝަކުވާތައް ހިއްސާކޮށްފައި ވެއެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގައި އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ.
މި ސިލްސިލާގެ ދެވަނަ ބުރުގައި ފުރުސަތު ހުޅުވާލައްވާފައި ވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ. އަދި މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސް އޮފީހުން މިހާރު ވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ފުރުސަތު ހުޅުވާލާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ މީހުންނަށް ރައީސް އޮފީހުގެ ވެބްސައިޓްގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ނަންނޯޓު ކުރެވޭނެ އެވެ. ތިންވަނަ ބުރުގެ ބައްދަލުވުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12 ޖެހުމާ ހަމަޔަށެވެ.




